މާލޭގައި މީހަކު ވެކްސިން ޖަހަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރައިމަރީ ހެލްތުކެއާ ހިދުމަތް ހަރުދަނާ ކުރަން “މޯލްޑިވްސް ހެލްތު ސާވިސް” ތައާރަފުކުރަނީ

ހެލްތު މިނިސްޓްރީ އިން ރައްޔިތުންނަށް ފޯރުކޮށްދޭ ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތް ހަރުދަނާ ކުރުމަށް “މޯލްޑިވްސް ހެލްތު ސާވިސް”ގެ ނަމުގައި ވަކި ހިދުމަތެއް ތައާރަފު ކުރަން ނިންމައިފި އެވެ. ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވީ އެ ހިދުމަތް ޖުލައި މަހު ތައާރަފުކުރާނެ ކަމަށެވެ. “މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަން މި އިންސްޓިޓިއުޓުގެ ދަށަށުން ހިދުމަތް ދޭ ގޮތަށް ވަނީ ހަމަޖެހިފައި. އޭގެ މާނައަކީ މިނިސްޓްރީ އޮފް ހެލްތުން ކޮލިޓީ ކޮންޓްރޯލު ކުރުމާ، ދޭ ހިދުމަތްތައް ރަނގަޅު ފެންވަރެއްގައި ބެހެއްޓުމާ އަދި އެ ހިދުމަތްތަކަކީ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ލިބޭ ހިދުމަތްތަކެއްކަން ޔަގީންކޮށް އެ މޮނީޓާ ކުރުމުގެ ރޯލު އަޅުގަނޑުމެން އަދާކުރަމުން ދާނަން،” މިނިސްޓަރު ވިދާޅުވި އެވެ. ނަސީމް ވިދާޅުވީ ވަކި އިދާރާއެއް ނެތި، ހެލްތު މިނިސްޓްރީ އިން ހިދުމަތް ދިނުމަކީ ސިއްހީ ހިދުމަތްދޭ ތަންތަން މޮނީޓާ ކުރުން ދަތިކަމެއް ކަމަށެވެ. ހެލްތު ސާވިސް ތައާރަފު ކުރުމުން ސިއްހީ ހިދުމަތްދޭ 180 އަށް ވުރެ ގިނަ ތަންތަން މި އިދާރާގެ ދަށަށް ބަދަލު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޕްރައިމަރީ ހެލްތުކެއާ ހިދުމަތް ވަކި ހާއްސަ ހިދުމަތެއްގެ ގޮތުގައި ފެށުމަށް ސަރުކާރުން ނިންމާފައިވާ އިރު, ރާއްޖޭގައި އެމްބިއުލާންސްގެ ހިދުމަތް ދިނުމަށްވެސް “އެމަޖެންސީ މެޑިކަލް ސާވިސް” (އީއެމްއެސް)ގެ ނަމުގައި ހާއްސަ ހިދުމަތެއް ތައާރަފުކުރުމަށްވެސް ސަރުކާރުން މި ފަހުން ވަނީ ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!