ނަމާދުގެ ޖަމާއަތެއް: ބުރާސްފަތި ދުވަހު ނަމާދުގެ ޖަމާއަތް ފެށުމަށް ވަނީ ނިންމާފައި -- އަވަސް ފޮޓޯ

ކާފިއު ކުރުކޮށް، ބުރާސްފަތި ދުވަހު ނަމާދުގެ ޖަމާއަތް ފަށަނީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި ހިންގަމުންދާ ކާފިއު ކުރުކޮށް ބުރާސްފަތި ދުވަހު ނަމާދުގެ ޖަމާއަތް ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ މި ނިންމުން ހާމަކޮށްފައިވަނީ ރަައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެ ބަލިމަޑުކަމުގެ ހާލަތު ރަނގަޅުވަމުން އަންނާނީ ޖުލައި ފުރަތަމަ ދުވަހުން ފެށިގެން ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން މިހާރު ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ހިންގަމުންދާ ކާފިއު ވަގުތު ރޭގަނޑު އަށަކުން ފަތިހު ހަތަރަކަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރަން މިސްކިތްތައް ހުޅުވާލަން ވަނީ ނިންމާފައެވެ. ނަމަވެސް އަދި ޖަމާއަތް ކުރިއަށް ގެންދާނީ ގައިދުރުކޮށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ނަމާދުގެ ޖަމާއަތް ހުއްޓާލީ މެއި މަހުގެ 12 ވަނަ ދުވަހު އެވެ. އަދި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވުމުން މެއި 26 އިން ފެށިގެން މިސްކިތްތައްވެސް ބަންދުކުރި އެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހުން ފެށިގެން ވަކިން ނަމާދު ކުރުމަށް މިސްކިތްތައް ވަނީ ހުޅުވާފައެވެ.

މީގެ އިތުރުން ކާފިއު ނޫން ވަގުތު ހުރިހާ ވިޔަފާރިތަކެއް ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަވެސް ދިނުމަށް ވަނީ ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!