ބަޔަކު ލޯންޗަކުން ފައިބަނީ -- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް

ކޮވިޑް ޖެހުނު މީހުންނަށް ކަރަންޓީން ނެތި ދަތުރުކުރެވޭނެ

އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ލުއި ތަކެއް ދޭން ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިހާރު ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ކޮވިޑް ޖެހިފައި ތިބި މީހުން ބަލިން ފަސޭހަވިތާ 60 ދުވަސް ނުވާނަމަ އެފަދަ މީހުންނަށް ކަރަންޓީނާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ކަމަށެވެ.

ނަމަވެސް އެއީ ހުރިހާ ރަށަަކަށް ނުވަތަ ވަކި ރަށްތަކަކަށް ދިން ލުޔެއް ކަމަކަށް ރައީސް ވިދާޅުވެފައެއް ނުވެ އެވެ.

ކޮވިޑްގެ ހާލަތު މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ގޯސްވުމުގެ ކުރިންވެސް ކޮވިޑް ޖެހިފައި ތިބި މީހުންނަށް ކަރަންޓީނާ ނުލައި ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިދީފައި އޮތެވެ. ނަމަވެސް ހާލަތު ގޯސްވީމާ އެގޮތަށް ދަތުރުކުރުން ވެސް މިދިޔަ މަހުގެ ތެރޭގައި މަނާކުރި އެވެ.

މާލެ އިން އަތޮޅު ތެރެއަށް ދަތުރުކުރުމަށް މިވަގުތު ހުއްދަ ދެނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް އެކަންޏެވެ. އަދި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވެނީ ކައުންސިލްތަކުގެ ހުއްދަ ލިބިގެންނެވެ.

ރާއްޖޭގެ ކޮވިޑް ނަންބަރުތަކަށް ބަލާއިރު މިހާތަނަށް މުޅި ރާއްޖެއިން 73،483 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އަދި މިހާތަނަށް 69،378 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި މި ބަލީގައި ރަނގަޅު ނުވެ މިވަގުތު ތިބީ 3،883 މީހުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!