މާލެ-ތިލަފުށި ބްރިޖުގެ ސާވޭއަށް ބޭނުންވާ މެޝިންތަކެއް ގެނެއުން - ސަން ފޮޓޯ/ އަހްމަދު ސައީދު

ތިލަފުށި-މާލެ ބްރިޖް އަޅަން އައްޑޫގެ މަގުހެދުމުގެ މަޝްރޫއު ހިންގާ އިންޑިއާގެ އެފްކޮންސް އަށް

މާލެއާއި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިވަގުތު އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއުވެސް ހިންގަމުންދާ އިންޑިއާގެ ކުންފުންޏާކަން “ސަން”އަށް އެނގިއްޖެއެވެ. “ސަން”އަށް އެނގިފައިވާ ގޮތުގައި އެ މަޝްރޫއު އެވޯޑުކުރުމަށް ނިންމާފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. އެ ކުންފުންޏަކީ އިންޑިއާގައިވެސް ބޮޑެތި މަޝްރޫއުތަކެއް ހިންގަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން އިންޑިއާގެ ބައެއް ކޯރުތަކުގައި ޑޭމް ހެދުމުގެ މަޝްރޫއުތަކާއި އިންޑިއާގެ ޗެންނާއީ ފަދަ ބޮޑެތި ބައެއް ސިޓީތަކުގެ މެޓްރޯ އެޅުމާއި އެކިއެކި ރެއިލްވޭ އަދި ބްރިޖާއި ހައިވޭ އެޅުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ އަދި މިވަގުތުވެސް ހިންގަމުންދާ ކުންފުންޏެކެވެ. އިންޑިއާގެ ދިއްލީ އެއާޕޯޓު މެޓްރޯވެސް އަޅާފައިވަނީ އެ ކުންފުނިންނެވެ. މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް “ސަން”އަށް ވިދާޅުވެފައިވަނީ އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ހޮވައި, އިންޑިއާގެ އެގްޒިމް ބޭންކުން އެޕްރޫވަލްވެސް ދީފައިވާ ކަމަށެވެ. އަދި ކުރިއަށްއޮތް ހަފްތާއެއް ނުވަތަ ދެ ހަފްތާ ތެރޭގައި ކޮންޓްރެކްޓުގައި ސޮއިކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއްކަން އޭނާ ހާމައެއް ނުކުރެއްވިއެވެ. މާލެއާއި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތް ކުރާނީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގަ އެވެ. އެހެންކަމުން އެ މަސައްކަތަށް ހޮވާނީ އިންޑިއާގެ ކުންފުންޏެކެވެ. އެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯ މީޓަރުގެ މެރިން ވިއަޑަކްޓްއާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!