ފޮޓޯ: ބީއެމްއެލް

ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގެން 74 މައްސަލައެއް އެޗްއާރްސީއެމް އިން ބަލަނީ

ކުޑަކުދިންނަށް ލިބިގެންވާ ޙައްޤުތައް ނިގުޅައިގަތުމުގެ 74 މައްސަލައެއް ބަލަމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ. އެޗްއާރްސީއެމްއިން ކުރަމުންދާ މަސައްކަތާއި، މިހާރު ބަލަމުންދާ މައްސަލަތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން، ޕީއެސްއެމް ރާއްޖެ މިއަދުގައި އެ ކޮމިޝަނަރ މަރިޔަމް މުނާ ވިދާޅުވީ، 633 މައްސަލައެއް އެކޮމިޝަނުން ބަލަމުންދާކަމަށެވެ. އޭގެތެރެއިން ކުޑަކުދިންގެ ޙައްޤުތަކާ ގުޅިގެން ހުށަހަޅާފައިވާ 74 މައްސަލައެއްވެސް ހިމެނޭކަމަށް މުނާ ވިދާޅުވެއެވެ. އާންމުގޮތެއްގައި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކަކީ ޤައިދީންގެ ޙައްޤުތައް ނުލިބިގެން ހުށަހަޅާ މައްސަލަތަކާއި، އެންޓި ޓޯޗަރގެ މައްސަލަތަކާއި، ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގެ އިތުރުން ވަޒީފާއާއި ގުޅިގެން ހުށަހަޅާ މައްސަލަތަށްކަމުގައި އެ ކަމަނާ ވިދާޅުވެއެވެ. ކުޑަކުދިންނާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތައް ތަފްސީލުކުރައްވަމުން އެ ކަމަނާ ވިދާޅުވީ، މިދިޔައަހަރުގެ 67 މައްސަލަ އަދި މިއަހަރުގެ 7 މައްސަލަ ބަލަމުންދާ ކަމުގައެވެ. މިއަހަރާއި މިދިޔައަހަރު މިބާވަތުގެ މައްސަލަތައް އިތުރު ވެފައިވާކަމަށް ކޮމިޝަނުން ބުނެއެވެ. ކުޑަކުދިންނާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކަކީ ކުޑަކުދިންނަށް އިހުމާލުވުމާއި، އެކުދިންގެ ޒިންމާ ނުނެގުމާއި، އެކުދިންނާމެދު އިހާނެތިވުމާއި، ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތައް ހިންގުމުގެ މައްސަލަތަކެވެ. ޤައިދީންގެ ޙައްޤުތައް ނުލިބިގެން ހުށަހަޅާ މައްސަލަތައް ވެސް އިތުރުކަމަށާއި، އެގޮތުން މިދިޔައަހަރާއި މިއަހަރުގެ 90 މައްސަލައެއް ބަލަމުންދާކަމަށް އެޗްއާރްސީއެމްއިން ހާމަކުރެއެވެ. މިގޮތަށް ހުށަހެޅޭ މައްސަލަތަކަކީ ޤައިދީންނަށް ލިބިގެންވާ ސިއްޙީ ހިދުމަތް ނުލިބުމުގެ މައްސަލައިގެ އިތުރުން އިނާޔަތްތައް ނުލިބުމުގެ މައްސަލައެވެ. މިދިޔަ އަހަރު މިބާވަތުގެ 60 މައްސަލަ ހުށަހެޅިއިރު، މިއަހަރު މިހާތަނަށް މިބާވަތުގެ 30 މައްސަލައެއް ބަލަމުންދާކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ. ވަޒީފާގެ ދާއިރާއިން ހުށަހަޅާފައިވާ 38 މައްސަލަ އެއްވެސް އެޗްއާރްސީއެމް އިން ބަލަމުންދާކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. ކޯވިޑްގެ ޙާލަތާއި ގުޅިގެން މިބާވަތުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން މުސާރަ ނުލިބުމުގެ މައްސަލައާއި، ވަޒީފާއިން ވަކިކުރުމުގެ މައްސަލަ، ބިދޭސީންނަށް ވަޒީފާނެތިފައި ތިބެން ޖެހުމުގެ އެތަކެއް މައްސަލައެއް ކޯވިޑުގެ ބަލިމަޑުކަމުގެ މުއްދަތުގައި ރިޕޯޓުކޮށްފައިވާކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ. މީގެއިތުރުން ސިއްޙީ ދާއިރާއިން ހުށަހަޅާފައިވާ ގިނަ މައްސަލަތަކަކީ ވެސް ކޯވިޑް-19އާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތައްކަމުގައި ކޮމިޝަނުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!