އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް

ދައުވާާކުރަންވީ ގޮތް ބުނެދޭނެ ކަމެއް ނެތް: އައްސަދު

މައްސަލަތަކުގައި ދައުވާ ކުރަން ފޮނުވަންވީ ގޮތް ތުހުމަތު ކުރެވޭ ބޭފުޅުން ކޮމިޝަނަށް ކިޔައިދޭނެ ކަމެއް ނެތް ކަމަށާއި ކޮމިޝަނުން އަމަލުކުރަނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފި އެވެ.

ކޮމިޝަނުން މިހެން ބުނެފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމުގެ ތުހުމަތުގައި އޭސީސީން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ދައުވާ ކުރަން ފޮނުވުމުގެ ގާނޫނީ އެއްވެސް ބާރެއް އޭސީސީއަށް އަށް ލިބިގެން ނުވާ ކަމަށް މަހްލޫފް ވިދާޅުވެފައިވާތީ އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ތަހުގީގު ހިނގަމުންދަނީ އޭސީސީއާ ފުލުހުންގެ އެހީތެރިކަމާ އެކު ކަމަށާއި ކޮމިޝަންގެ ތަހުގީގުތަކަށް އެހެން އިދާރާތަކުގެ އެހީތެރިކަން ހޯދުމަށް ކޮމިޝަނަށް ހުރަހެއް ނެތް ކަމަށެވެ. ތިން އިދާރާ އަކުން ގުޅިގެން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި އިދާރާ ތަކުގެ މެދުގައި އެއްބަސްވެވޭ ގޮތެއްގެ މަތިން ކޮންމެ އިދާރާ އަކަށް ވެސް ދައުވާ ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

“އެކަމަކީ ގާނޫނީ ހުރަހެއް އޮތް ކަމެއް ނޫން. ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ހުއްދަކުރާ ކަމެއް އެއީ އިދާރާ ތަކުން ގުޅިގެން ތަހުގީގު ކުރުން. އެފަދަ ތަހުގީގެއްގައި ބައިވެރިވުމަށް މި ކޮމިޝަނަށް ވެސް ހުރަހެއް ނެތް،” އައްސަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތައް ކުރިން ވަކިވަކި އިދާރާތަކުން ތަހުގީގު ކުރި ނަމަވެސް އެކަމާ ގުޅޭ ހުރިހާ މައްސަލައެއް މިހާރު ތަހުގީގު ކުރަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުންނާއި އޭސީސީ ގުޅިގެން ކަމަށެވެ. ތިން އިދާރާ އިން ގުޅިގެން ތަހުގީގު ކުރަނީ އިދާރާތަކުގެ މެދުގައި ލިޔުމުން އެކުލަވާލާފައި އޮތް އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ވިދާޅުވި އެވެ.

އައްސަދު އިތުރަށް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ބޭފުޅުންނާ މެދު ތަފާތުކޮށްގެން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. ނަމަވެސް އެ ބޭފުޅަކު އަދާކުރައްވާ މަގާމަކާއި ތުހުމަތު ކުރެވޭ ފައިސާގެ އަދަދާއި އަދި މައްސަލައާއި ގުޅިގެން ލިބޭ ހެކިތަކަށް ބަލައި އެ މައްސަލައެއް އަވަހަށް ނިންމަން މަސައްކަތް ކުރުމަކީ ވެދާނެ ކަމެއް ކަމަށްވެސް އައްސަދު ވަނީ ވިދާޅުވެފަ އެވެ.

މަހްލޫފް މީގެ ކުރިން ވިދާޅުވެފައި ވަނީ އޭނާ އަށް ތުހުމަތުކުރާ މައްސަލާގައި ދައުވާ ކުރުމުގެ ގާނޫނީ އެއްވެސް ބާރެއް އޭސީސީއަށް އަށް ލިބިގެން ނުވާ ކަމަށެވެ. އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް ސާފުވާ ކަމަށެވެ. އަދި އޭނާގެ މައްސަލާގައި ހެކި ހޯދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށްވެސް މަހްލޫފް ވިދާޅުވެފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ބޭފުޅުން ކަމަށް ބުނެ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލައި، މަޖިލީހަށް އެންމެ ފަހުން ފޮނުވި ލިސްޓުގައި 281 ފަރާތެއް ހިމެނެ އެވެ. އޭގެތެރެއިން 119 މީހުންނަކީ އެކި ދުވަސްވަރު ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ތިބި މީހުންނެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތެރޭގައި ހިނގައިދިޔަ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަނެކެވެ. މި ކޮމިޝަންގެ އެންމެ ބޮޑު މަސައްކަތަކީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ތަހުގީގު ކުރުމެވެ. އެކަމަކު އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް އެކަށީގެންވާ ހަލުވި ކަމެއްގައި ކުރިއަށް ނުދާ ކަމަށް ބުނެ އެކޮމިޝަނަށް އެތައް ބަޔަކު ފާޑު ކިޔަމުންދެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!