ކުޅުދުއްފުށި. އެރަށް މިރޭ ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައި -- ފޮޓޯ: އަވަސް

ކުޅުދުއްފުށީ މޮނިޓަރިން އުވާލައިފި

އުތުރުގައި އޮތް ހަމައެކެނި ސިޓީ، ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ.

ކުޅުދުއްފުށީގައި ގާއިމު ކޮށްފައިވާ ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ސިޓީ މޮނިޓަރިން އަށް ގެންދިޔައީ މި މަހުގެ ނުވަވަނަ ދުވަހު އެވެ.

މޮނިޓަރިންގެ ހާލަތުން ކުޅުދުއްފުށި މިރޭ ނަގާފައި މިވަނީ މޮނިޓަރިންގައި އޮންނަތާ 19 ދުވަސް ފަހުންނެވެ.

އެ މީހާ އަކީ ކުޅުދުއްފުށްޓާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެކެވެ. އެ މީހާއާ ކޮންޓެކްޓްވި އިތުރު ބަޔަކު ވެސް އެރަށުން ޕޮޒިޓިވްވި އެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިވަގުތު އެ ސިޓީގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ ފަސް މީހެކެވެ.

ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުން ނެގި ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަންދީގެން އުޅުމަށްވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކުޅުދުއްފުށި ވަނީ މިދިޔަ މަހުގެ ތެރޭގައި ވެސް މޮނިޓަރިން އަށް ގެންގޮސްފަ އެވެ. ކުޅުދުއްފުށިން ކޮވިޑް ކޭސްތައް ދޭތެރެދޭތެރެއިން ފެނުނު ނަމަވެސް އެރަށުގައި ސަރުކާރުގެ ރަސްމީ ކޮވިޑް ފެސިލިޓީ އެއް އަދި ގާއިމުކޮށްފައެއް ނުވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!