ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް

ކަމަކާ ބެހޭ މައުލޫމާތު ހުރި ކޮންމެ މީހަކީ އިލްމުވެރިއެއްތަ؟: ޕީޖީ ޝަމީމް

އިލްމުވެރިން ދައްކާ ބައެއް ވާހަކަތަކާ ގުޅޭ ގޮތުން އެތައް ބައެއްގެ ހިޔާލު ތަފާތުވެ ކަންބޮޑުވުން ހިއްސާ ކުރަމުން އަންނަ މި ދަނޑިވަޅުގައި ކަމަކާ ބެހޭ މައުލޫމާތު ހުރި ކޮންމެ މީހަކީ އިލްމުވެރިއެއްތޯ އައްސަވާ ޕްރޮސެކިއުޓާ ޖެނެރަލް ހުސަިއން ޝަމީމް ސުވާލު އުފައްދަވައިފިއެވެ. ޝަމީމް ވަނީ އިލްމުވެރިންނަކީ ކޮބައިތޯ އައްސަވާ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. އެ ގޮތުން އޭނާ ވަނީ އިލްމަކީ ހަމައެކަނި ދީނީ ދަންނަ ބޭކަލުން ނުވަތަ ދީނީ އިލްމުވެރިންނަށް ހާއްސަ އެއްޗެއްތޯ ވެސް އައްސަވާފައެވެ. ހަމައެއާއެކު އިލްމުވެރިއަކަށް ވެވެނީ ކޮން ކަމެއް ހަމަވާ މީހަކަށްތޯ އާއި ކޮންމެ ކަމަކާ ބެހޭ މައުލޫމާތު ހުރި ކޮންމެ މީހަކީ އިލްމުވެރިއެއްތޯ އޭނާ އެއްސެވިއެވެ. މި ސުވާލުތަކާއެކު ޝަމީމް ވަނީ މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހު އޭނާގެ ބްލޮގްގައި “އިލްމުވެރިންނާއި ދަންނަ މީހުން” ސުރުހީގެ ދަށުން ލިޔުއްވާފައިވާ އާޓިކަލެއް ހިއްސާ ކުރައްވާފައެވެ. އެ އާޓިކަލްގައި ވަނީ ދަންނަ މީހުންނަކީ، އެމީހުން ދަންނަ ކޮންމެ ކަމަކާ ބެހޭ ގޮތުން ވާހަކަ ދައްކާ ބައެއް ކަމަށް ބުނެފައެވެ. އަދި އިލްމުވެރިން ވާހަކަ ދައްކާނީ އެމީހަކަށް އެކަމެއްގެ ފުން މައުލޫމާތު އެނގޭ ކަމަކާ ބެހޭ ގޮތުން ކަމަށެވެ. ކޮންމެ ދަންނަ މީހަކީ އިލްމުވެރިއެއް ނޫން ކަމާއި ކޮންމެ އިލްމުވެރިއަކީ ހުރިހާ ކަމެއް ދަންނާނެ މީހެއް ވެސް ނޫން ކަމަށް އެ ލިޔުމުގައި ބުނެފައި ވެއެވެ. މީގެ އިތުރުން ޝަމީމް ވިދާޅުވެފައި ވަނީ އިލްމުވެރިއަކަށް ވުމަށްޓަކައި އެމީހާގެ “އީގޯ” އަށް ސަމާލުވާން ޖެހޭ ކަމަށާއި ހިކުމަތްތެރި ކަމާއި މަޑުމައިތިރިކަން އިހްތިޔާރު ކުރަން ޖެހޭ ކަމަށެވެ. އިލްމަކީ ދިފާއު ކުރަން ޖެހޭ އެއްޗެއް ނޫން ކަމަށް ވެސް ޝާމީމް ވިދާޅުވެފައި ވެއެވެ. “އިލްމުވެރިންނާ” ގުޅޭ ގޮތުން މިހާރު ދަނީ ގިނަ ބަޔަކު ކަންބޮޑުވުންތައް ފާޅު ކުރަމުންނެވެ. އެ ގޮތުން މި ފަހުން އިލްމުވެރިންނާ ގުޅޭގޮތުން އެންމެ ބޮޑު ބަހުސެއް ކުރިއަށް ގޮސްފައި ވަނީ އަންހެނުން ހިތާނު ކުރުމާ ގުޅޭ މައުޟޫގައި ގައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު ހިއްސާ ކުރެއްވި ލިޔުމަކާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ މެދުވެރިކޮށް، އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވަނީ ސިޓީއެއް ވެސް ފޮނުއްވާފައެވެ. އަންހެނުން ހިތާނު ކުރަން ޖެހޭ ކަމަށް ރާއްޖޭގައި ބަޔަކު މީހުން ދެކޭ އިރު އެއީ ގާނުނީ ކުށަކަށް ހެދުމުގެ މަސައްކަތް ވެސް ވަނީ ފެށިފައެވެ. އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު އެކަން ހާމަ ކުރައްވަމުން ވިދާޅުވެފައި ވަނީ އަންހެނުން ހިތާނުކުރުމަށް މި ސަރުކާރުން އެއްވެސް ވަރަކަށް ތާއީދު ނުކުރާ ކަމަށާ އެކަމަށް ހިތްވަރުވެސް ނުދޭނެ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!