ނަދީމްގެ މަރާ ގުޅިގެން ދައުވާ ލިބޭ ހަތަރު މީހުން

ނަދީމްގެ މަރު: ހެކިބަސް ނަގާ ނިންމާލައިފި

މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރުގެ ޖުލައި މަހު މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލާގައި ދެފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގާ ނިންމާލައިފި އެވެ.

މަރުގެ މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ ގއ. ގެމަނަފުށި ހަވާސް މުހައްމަދު ކަރަމް ސުހައިލާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި، ލ. ގަން ވިދާތަރި އަލީ ނިފާޒާއި، ގ. ޝާރާޒް މުހައްމަދު މަފާޒަށެވެ.

މަފާޒަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އަނެއް ތިން މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

ނަދީމް މަރުގެ މައްސަލައިގައި ދައުވާ ލިބޭ ހަތަރު މީހުންގެ ތެރެއިން މިއަދު ހެކިބަސް ނަގާފައި ވަނީ މަފާޒާއި ނިފާޒް އަދި ކަރަމްގެ ދިފާއީ ހެކިންގެ ހެކިބަހެވެ. ޝާމިންގެ ދިފާއީ ހެކިބަސް މީގެ ކުރިން ވަނީ ނަގާ ނިންމާފަ އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މަފާޒާއި ނިފާޒުގެ ދިފާއީ ހެކިންގެ ގޮތުގައި ހެކިބަސް ދީފައި ވަނީ ތިން މީހުންނެވެ. އެމީހުންނަކީ ނަދީމް މަރާލި ވަގުތު ޓާމިނަލް ކެފޭގައި ތިބި ތިން މީހުން ކަމަށް ބުނެ އެވެ. އެމީހުން ތިބީ ނަދީމް އާއި އޭނާގެ އެކުވެރިން އިށީނދެ ތިބި މޭޒާ ޖެހިގެން ހުރި މޭޒުގައި ކަމަށް ތިން މީހުން ވެސް ވަނީ ބުނެފަ އެވެ. ތިން މީހުންގެ ހެކިބަހުގައި، ބޮލާ އެކީ މާސްކު އަޅައިގެން އައި ދެ މީހެއްގެ ތެރެއިން އެކަކު ނަދީމުގެ ބޮލަށް ވަޅި ޖެހި ކަމަށް ބުނެ މިއަދު ހެކިބަސް ދިނެވެ.

މީގެތެރެއިން ފުރަތަމަ ހެކިބަސް ދިން އަލީ ރަފާހް ރިޔާޒް ބުނެފައި ވަނީ މަފާޒަކީ އޭނާގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށެވެ. ބޮލާއެއްކޮށް މާސްކް އަޅައިގެން އަޔަސް އޭނާ އަށް މަފާޒު ފާހަގަވާނެ ކަމަށާއި އެދުވަހު ނަދީމަށް ހަމަލާ ދޭން އައި ދެ މީހުންގެ ތެރޭގައި މަފާޒު ނެތް ކަމަށެވެ. އަދި ނިފާޒަކީ ވެސް ދަންނަ މީހެއް ކަމަށް ބުންޏެވެ. ނަމަވެސް ދައުވާ ލިބޭ އެއްވެސް މީހަކާ އެ ދުވަހު ދިމާ ނުވާ ކަމަށް އޭނާގެ ހެކި ބަހުގައި ބުންޏެވެ.

ރަފާހް ހެކިބަސް ދިން ވަގުތު ދައުލަތުގެ ފަރާތުން ވަނީ ދައުވާ ލިބޭ ނިފާޒްގެ ބަޔާނާ ފުށުއަރާ ކަމެއް ފާހަގަކޮށްފަ އެވެ. އެއީ ނިފާޒު ތަހުގީގަށް ބަޔާން ދިންއިރު އެދުވަހު “ރައްކޮ” ކިޔާ މީހަކާ އެކީ އުޅުނު ކަމަށް ބުނެފައިވާތީ އެވެ. ދައުލަތުގެ ވަކީލާ ފާތިމަތު މީޝާ މިކަމާ ގުޅިގެން ސުވާލުކުރުމުން ރަފާހު ބުނެފައި ވަނީ އޭނާއަށް އެއްވެސް ވަނަމަކުން މީހަކު ނުކިޔާ ކަމަށާއި އެކަމަކު ވަނަމަކަށް “އަލީ” ކިޔައިފާނެ ކަމަށެވެ.

ހެކިބަސް ދިން އަނެއް މީހާ، މުހައްމަދު ސައިފް ހެކި ބަސް ދޭން ފަށަމުން ހާދިސާ ހިނގި ވަގުތު އޭނާ އާއި އެކީ ތިބި އިތުރު ދެ މީހުންނާ މުހާތަބުކުރީ ވަނަމުންނެވެ. ދައުލަތުގެ ވަކީލާ އެކަން ވަނީ ޝަރީއަތުގައި ފާހަގަކޮށްފަ އެވެ.

ހެކިބަސް ދިން ދެ މީހުންގެ ތެރެއިން ރަފާހު އަދި ސައިފް ކިޔައިދިން ގޮތުގައި ހާދިސާ ހިނގީ ޓާމިނަލް ކެފޭގެ ތިރީގަ އެވެ. ސައިފްގެ ހެކި ބަހުގައި ބުނެފައިވަނީ އެމީހުން ތިބީ އެތަނުގެ މަތީގައި ކަމަށާއި ނަދީމް އިށީނދެގެން އިން މޭޒު ކައިރިން މައްޗަށް އަރައިގެން އަންނަ މީހުން ފެންނާނެ ކަމަށެވެ.

ދެން ކުރިއަށް ގެންދިޔައީ ކަރަމްގެ ދިފާއީ ހެކިބަސް ނެގުމެވެ. އެގޮތުން ދެ ހެކިވެރިން ކަމަށްވާ އިބްރާހީމް ޝާފީ އާއި އަބްދުﷲ ހައްމާދު ކިޔާ ދެ މީހުން ވަނީ ހެކިބަސް ދީފަ އެވެ. މި މީހުންގެ ހެކި ބަހުގައި ނަދީމް މަރާލި ދުވަހު ހަވީރު ހައްމާދަށް، ދައުވާ ލިބޭ ކަރަމް އާއި ޝާފީ ސައިކަލުގައި ދަނިކޮށް ރާނބާ ރެސްޓޯރެންޓް ކައިރިން ފެނުނު ކަމަށް ބުންޏެވެ. ޝާފީ ބުނެފައި ވަނީ ނަދީމް މަރާލި ދުވަހުގެ ހަވީރު 5:15 ހާއިރުން ފެށިގެން ގަޑިއަކަށް ވުރެ ގިނަ ވަގުތު ސައިކަލުގައި ދެ މީހުން ދުއްވުމަށްފަހު 6:30 ހާއިރު ކަރަމް ދިރިއުޅޭ ގެ ކައިރިއަށް ލައިދިން ކަމަށެވެ.

މިއާއެކު ހެކިބަސް ނެގުމުގެ މަރުހަލާ މިއަދު ނިންމާލީ އެވެ. ދެން އޮންނާނީ ހެކިބަހާ މެދު ވާހަކަދެއްކުމެވެ. އެއަށްފަހު މި މައްސަލައިގައި ހުކުމަކާ ހިސާބަށް ދާނެ އެވެ.

ސިއްރު ހެއްކެއްގެ ފަރާތުން ކޯޓަށް ސިޓީއެއް ލިބިފައިވާ ކަމަށް ވެސް ގާޒީ މިއަދު ވިދާޅުވި އެވެ. އޭނާ ކޯޓަށް ހާޒިރުކޮށްގެން ސުވާލުކުރަން ބޭނުންވާތީވެ ދެން އޮންނަ ޝަރީއަތަކަށް އޭނާ ހާޒިރުކުރާނެ ކަމަށް ގާޒީ ވިދާޅުވުމުން ދައުލަތުގެ ވަކީލާ އެކަމަށް އިއުތިރާޒް ކުރެއްވި އެވެ. ދައުލަތުގެ ވަކީލާ އަށް ރައްދުދީ ދައުވާ ލިބޭ ފަރާތުގެ ވަކީލް ވިދާޅުވީ ސިއްރު ހެކި ކޯޓަށް ހާޒިރުކޮށްގެން ސުވާލުކުރުން މުހިއްމު ކަމަށެވެ. އެކަމަކު ދައުލަތުގެ ވަކީލް ވަނީ ހެކިންނަށް ނުފޫޒު ފޯރުވަން ކުރިން ވެސް މަސައްކަތް ކޮށްފައިވާތީ ސިއްރު ހެކި ކޯޓަށް ހާޒިރުކުރަން ތަކުރާރުކޮށް އިއުތިރާޒްކޮށްފަ އެވެ.

ނަދީމް މަރުވީ ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބަޔަކު ގޮސް ވަޅި ހަރައި ޒަހަމްކޮށްލުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ފުލުހުން އޭރު ބުނީ ނަދީމް މަރާލާފައިވަނީ ދެ ގޭންގެއްގެ ދެމެދު ޖެހިފައިވާ މައްސަލައެއްގެ ތެރެއިން ބަދަލު ހިފުމަށް ކަމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!