އިމްތިޔާޒް ކޮމެޓީން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިން. ވޯޓުލީ ގޮތް ލީކުވި މައްސަލަ ނިންމަން ކަނޑައެޅި މުއްދަތު ވަނީ އިތުރުކޮށްފައި--- ފޮޓޯ: މަޖިލިސް

ވޯޓުލީ ގޮތް ލީކުވި މައްސަލަ ބަލައި ނިންމަން ކަނޑައެޅި މުއްދަތު އިތުރުކޮށްފި

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ނުފެންނަ ކަމަށް މެންބަރުން ވޯޓު ދެއްވި ގޮތުގެ މައުލޫމާތުތައް އާންމުވި މައްސަލަ ބަލައި ނިންމަން ކަނޑައެޅި މުއްދަތު އިތުރުކޮށްފި އެވެ.

މިމަހުގެ ހަވަނަ ދުވަހުގެ ރޭ އިމްތިޔާޒު ކޮމެޓީން ސިއްރުކޮށްގެން ބޭއްވި ބައްދަލުވުމުގައި ޒަމީލްގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމައި ބައްދަލުވުން ނިންމާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވޯޓު ދިން ގޮތް ސޯޝަލް މީީޑިއާގައި އޮތީ ލީކުކޮށްލައިފަ އެވެ.

އެ މައްސަލަ ހޫނުވެ މެމްބަރުންނަށް މަރުގެ އިންޒާރުވެސް ލިބެމުން ދިއުމުން އެކަން ހިނގައިދިޔަ ގޮތް ބަލަން މިހާރު ވަނީ ސަބް ކޮމެޓީއެއް އެކުލަވާލާފަ އެވެ. މި މަސް ނިމުމުގެ ކުރިން އެ މައްސަލަ ބަލައި ނިންމަން ކުރިން އޮތީ ކަނޑައަޅައިފަ އެވެ.

ނަމަވެސް މިއަދު ބޭއްވި ސަބްކޮމެޓީގެ ބައްދަލުވުމުގައި މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން އެދިވަޑައިގެންނެވީ އެ މައްސަލަ ނިންމަން ކަނޑައެޅި މުއްދަތު އަންނަ އޮގަސްޓު މަހުގެ 30 އަށް އިތުރުކުރުމަށެވެ.

“އަޅުގަނޑުމެން ޑޭޓް [ތާރީހު] ކަނޑައަޅައިގެން މިކަން ނިންމަން އުޅެގެން މިކަން ނުނިމިފައި ވަނީ ލޮކްޑައުންގެ ކަންތައް އާންމު ހާލަތަކަށް އައިސްގެން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ.” ހާރޫން ވިދާޅުވި އެވެ.

ހާރުންގެ ހުށަހެޅުމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ތާއީދުކުރެއްވުމާ ގުޅިގެން އަންނަ އޮގަސްޓް މަހުގެ 30ގެ ކުރިން މައްސަލަ ބަލައި ނިންމަން ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.

އިމްތިޔާޒު ކޮމެޓީގައި ވޯޓު ދިން ގޮތުގެ މައުލޫމާތު ލީކު ކޮށްލީ އެ ކޮމެޓީގައި އިންނެވި މެމްބަރެއް ކަަމަށް ބައެއް މެންބަރުން ތުހުމަތު ކުރައްވަ އެވެ. ވޯޓުލީ ގޮތް ލީކު ކޮށްލި މައްސަލަ ސަބް ކޮމެޓީން ކުރިއަށް ގެންދަން ނިންމާފައިވަނީ ސިއްކުކޮށްގެންނެވެ.

އެމްޑީޕީގެ ސާފު މެޖޯރިޓީއެއް އޮތް އިމްތިޔާޒު ކޮމިޓީއަށް ޒަމީލްގެ މައްސަލަ ބަލަން ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ކޮމިޓީގައި އެ މައްސަލަ ބަލަން ނުފެންނަ ކަމަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ.

އެ މައްސަލަ ބޭރުކޮށްލަން ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އާއި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު އާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ހިމެނެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!