ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ

އަންހެނުން ހިތާނުކުރުމަށް އިސްލާމް ދީން ބާރެއް ނާޅާ: މިނިސްޓަރު

އަންހެނުން ހިތާނުކުރުމަށް އިސްލާމްދީނުގައި ބާރު ނާޅާކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ އަންހެނުން ހިތާނުކުރުން ނުވަތަ އެފްޖީއެމް އަށް އިސްލާމްދީން ބާރުއަޅާފައި ނުވާކަން ދަލީލު ކޮށްދޭ އެތަށް ދިރާސާއެއް ފެންނަން އެބަހުރި ކަމަށާއި އެފަދަ އާދަތަކުން ދުރުވެ އެފަދަ ކަންކަން ހުއްޓަން ޖެހޭ ކަމަށެވެ. އަދި ދިވެހީންގެ ދިގު ތާރީހުގައިވެސް އެފަދަ ކަމެއް ހިނގާފައި ވާކަން އެނގިވަޑައި ނުގަންނަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ އަންހެން ކުދިން ހިތާނު ކުރުމުގާ ގުޅޭ ގޮތުން އޮތް ލިޔުމެއް ގައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު ޓްވީޓް ކުރެއްވުމާ ގުޅިގެންނެވެ. ޖެންޑާ މިނިސްޓަރު އައިޝާ ދީދީގެ ވާހަކައަށް ރައްދު ދެއްވަމުން ސައިކޮލޮގިސްޓެއް ކަމަށްވާ ޑރ. އައިޝަތު އަލީ ނާޒް ވިދާޅުވީ އަންހެނުން ހިތާނު ކުރުން ދިވެހިރާއްޖޭގައި އަދިވެސް ކުރިއަށްދާ ކަމަށާއި އެކަމުގެ ހެކިވެސް އެބަހުރި ކަމަށެވެ. މީގެ އިތުރުން ޑރ. ނާޒް ވިދާޅުވީ މިކަމުގެ ސަބަބުން އަންހެނުނަށް ވަރަށް ނުރައްކާވާ ކަމަށާއި އެފަދަ އެތަށް މީހުންނެތް އަލުން ސާޖަރީކޮށް ފަރުވާ ހޯދަންޖެހިފައި ވެސް އެބަހުރި ކަމަށެވެ. އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން އޮތް ލިޔުމެއް ޑރ. އިޔާޒު ހިއްސާ ކުރެއްވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ މެދުވެރިކޮށް، އެ މައްސަލަ ބައްލަވައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވަނީ ސިޓީއެއް ވެސް ފޮނުއްވާފައެވެ. ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ގައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އަންހެނުން ހިތާނު ކުރުމަށް ހިތްވަރު ދެއްވާފައިވާ ކަމަށެވެ. މީކާއިލްގެ އެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރުމަކީ ރާއްޖޭގައި އަންހެނުން ނުރަކަލަށް ހުށަހެޅޭ ކަމެއް ކަމަށެވެ. އަދި އެއީ އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ހުރަސް އެޅޭނޭ ކަމެއް ކަމަށެވެ. އެމައްސަލައިގައި ޑރ. އިޔާޒާ ހަވާލާދީ ބައެއް ފަރާތްތަކުން ބުނެފައި ވަނީ އަންހެނުން ހިތާނު ކުރުމަކީ އޭނާ ހިތްވަރު ދެއްވާ ކަމެއް ނޫން ކަމަށާއި އަންހެނުން ހިތާނު ކުރުމާ މެދު އިސްލާމް ދީނުގައި އޮންނަ ގޮތް އަންގައި ދެއްވީ ކަމަށެވެ. އަދި އެކަން ޕްރޮމޯޓް ވެސް ނުކުރައްވާ ކަމަށެވެ. އަންހެނުން ހިތާނު ކުރުމުގެ ވާހަކަ އަކީ މިފަހަކަށް އައިސް ރާއްޖޭގައި އަޑުގަޑަވެ ބަހުސަކަށް ވެފައި އޮތް މައުޝޫއެކެވެ. މިމައްސަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމް ވިދާޅުވެފައި ވަނީ އަންހެން ކުދިން ހިތާނުކުރުމަކީ ދީނުގައި އޮންނަ ކަމެއް ނޫން ކަމަށެވެ. މި ވާހަކަ މީގެ ކުރިންވެސް ރައީސް މައުމޫނު ވަނީ ތަކުރާރު ކުރައްވާފައެވެ. އަންހެނުން ހިތަނު ކުރަން ޖެހޭ ކަމަށް ރާއްޖޭގައި ބަޔަކު މީހުން ދެކޭ އިރު އެއީ ގާނުނީ ކުށަކަށް ހެދުމުގެ މަސައްކަތް ވެސް ވަނީ ފެށިފައެވެ. އެތާނީ ޖެނެރަލް އިބްރާހިމް ރިއްފަތު އެކަން ހާމަ ކުރައްވަމުން ވިދާޅުވެފައި ވަނީ އަންހެނުން ހިތާނުކުރުމަށް މި ސަރުކާރުން އެއްވެސް ވަރަކަށް ތާއީދު ނުކުރާ ކަމަށާ އެކަމަށް ހިތްވަރުވެސް ނުދޭނެ ކަމަށެވެ. އަދި އެއީ ގާނޫނީ ކުށަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިއްފަތް ވިދާޅުވިއެވެ. ނަމަވެސް މިއަދާ ހަމައަށް އެކަމުގައި ކުރެއްވި މަސައްކަތެއް ސާފެއް ނުވެއެވެ. ސަރުކާރުން އެވާހަކަ އެގޮތަށް ވިދާލުވި އިރު، ޔުނިސެފުގެ ހޯދުންތަކުން ދައްކާ ގޮތުން ރާއްޖޭގެ އަންހެނުންގެ ތެރެއިން 13 ޕަސެންޓަކީ ޒުވާން އުމުރުގައި ހިތާނު ކޮށްފައިވާ މީހުންނެވެ. ޔުނިސެފުން އާއްމުކުރި ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ، އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 13 ޕަސެންޓް މީހުން ވަނީ ހިތާނުކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!