ޖެންޑަރ މިނިސްޓްރީން އަވަސް އޮންލައިން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ކަރާމާތް ގެއްލޭގޮތަށް ޚަބަރުފަތުރައިގެން އަވަސް އޮންލައިން ޖޫރިމަނާކޮށް އިތުރު ތިން މީޑިއާއަކަށް ޖެންޑަރ މިނިސްޓްރީ އިން އިންޒާރު ދީފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ކުޑަކުދިންގެ ކަރާމާތް ގެއްލޭގޮތަށް މީޑިއާގައި މައުލޫމާތު ހާމަކުރަމުންދާތީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) އާއި، 33 ވަނަ މާއްދާ އަދި 53 ވަނަ މާއްދާގެ ދަށުން ތިން މީޑިއާ އަކަށް ނޯޓިސްދީ އަވަސް އޮންލައިން ޖޫރިމަނާކޮށްފައިވާކަމަށެވެ. އެގޮތުން އަވަސް އޮންލައިން ޖޫރިމަނާކޮށްފައި ވަނީ 2000 ރުފިޔާއިންނެވެ.

ނޯޓިސް ދީފައި ވަނީ ވަގުތު އޮންލައިން، ވަން އޮންލައިން އަދި އަދަދު އޮންލައިންއަށެވެ. މި ފިޔަވަޅުތައް އަޅާފައި ވަނި ކޮން ޚަބަރަކާ ގުޅިގެންކަން އާންމުނުކުރި ނަމަވެސް ބެލެވޭ ގޮތުގައި މިއީ ދާދި ފަހުން ރަހީނުކޮށް މަރާލި އުމުރުން 13 އަހަރު ކުޑަ ކުއްޖާއާ ގުޅިގެން ޝާއިއުކޮށްފައިވާ ހަޚަބަރުތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކެކެވެ.

މި މަހުގެ 14 ވަނަ ދުވަހު މީޑިއާ ކައުންސިލް އިން ވެސް އާންމުކޮށްފައިވާ ގަވާއިދުގައިވާ ގޮތުން ކުޑަކުދިން ކުރާ ކުށްތަކާ ގުޅޭ މައުލޫމާތު މީޑިއާތަކުން ހާމަކުރާއިރު, މީހަކު 18 އަހަރުވުމުގެ ކުރިން ކޮށްފައިވާ ކުށަކާ ގުޅޭ މައުލޫމާތު މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫންވެސް ވަސީލަތެއްގައި ވެސް ހާމަކޮށްގެން ނުވާނެއެވެ. އަދި ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އެންމެހައި މަރުޙަލާއެއްގައި ވެސް، އަދި އެއަށްފަހުގައި ވެސް، ކުއްޖާގެ ޒާތީ މައުލޫމާތެއް މީޑިއާތަކުގައި ހާމަކުރުމަކީ މަނާކަމެކެވެ.

އެގޮތުން ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ ނުވަތަ ދޭހަވާނެ ފަދަ ގޮތަކަށް ކުއްޖާގެ މައުލޫމާތެއް ނުވަތަ ތަސްވީރެއް، މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ޝާއިއު ކުރުމަކީ މަނާކަމެކެވެ. އަދި ކުއްޖާގެ މައުލޫމާތު ނުސީދާކޮށް ހާމަކުރުމުގެ ތެރޭގައި ވެސް ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ ނުވަތަ ދޭހަވާ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ތަސްވީރެއް، މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ޝާއިއު ކުރުމަކީ މަނާކަމެކެވެ.

އުސޫލުގައިވާ ގޮތުން ކުށްކުރާ ކުއްޖާގެ ސްކޫލާއި އެޑްރެސް އަދި ނަން ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ޝަރީއަތުގެ މަރުހަލާގެ ތެރެއިން ވެސް އާންމުކުރުމަކީ މަނާކަމެކެވެ. ނަމަވެސް ކުއްޖާގެ މަސްލަހަތަށް ޓަކައި ކަނޑައެޅިފައިވާ ހާލަތުތަކެއްގައި، އަދި ލިޔުމުން ރެކޯޑު ކުރެވޭ ސަބަބުތަކަށް ޓަކައި، ކޯޓުން ހުއްދަކުރާ މައުލޫމާތުތަކެއް މީޑިއާގައި އަދި އެ ނޫން ވެސް ވަސީލަތްތަކުގައި އާންމުކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!