އޭއޭއޭގެ އެސެޓް ގަނެ އެވިޑް ކޮލެޖުގެ އޭވިއޭޝަން ފެކަލްޓީ އިފްތިތާހުކޮށްފި

އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސް (އޭއޭއޭ) އިން އައްޑޫގައި ހިންގާ ފްލައިން ސްކޫލުގެ ހުރިހާ އެސެޓެއް ރާއްޖޭގެ އަމިއްލަ ކޮލެޖެއް ކަމަށްވާ، އެވިޑް ކޮލެޖުން ގަނެ އެ ކޮލެޖުގެ އޭވިއޭޝަން ފެކަލްޓީ އިފްތިތާހުކޮށްފި އެވެ.

އޭއޭއޭގެ އެސެޓް ގަނެ އެކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެ ކޮލެޖުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު އެވެ. އަދި ފްލައިން ސްކޫލުގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ ޖެނެރަލް މެނޭޖަރު އަހްމަދު ފަޒީލް ރަޝީދެވެ.

އެވިޑްގެ ދަށަށް އޭއޭއޭގެ ހުރިހާ މުދަލެއް އަދި ދަރިވަރުން ބަދަލުވުމާ އެކު އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ)ގެ ނަމަށް ފްލައިން ސްކޫލުގެ ނަން ވަނީ ބަދަލުކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުސްތާގު ވިދާޅުވީ އެވިޑް ސްކޫލުގެ ދަށަށް އޭއޭއޭ ބަދަލުވުމާ އެކު ދަރިވަރުންނާއި އެކުދިންގެ މައިންބަފައިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. ދަރިވަރުންނާއި ދެ ހަފްތާ ފަހުން ބައްދަލުކުރައްވާނެ ކަމަށާއި ބެލެނިވެރިންނާ ވެސް ވީއެންމެ އަވަސް ފުރުސަތެއްގައި ބައްދަލު ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.

ދަރިވަރުންގެ ފްލައިން މެދުކެނޑިފައިވާ މައްސަލަ ހައްލުކުރުމަށް އިތުރު ސްޕެއާ ޕާޓްސް ގެނައުމުގެ މަސައްކަތަށް ބޭނުންވާ ޑޮލަރު ހޯދުމަށް ބެންކުގެ އެހީއާ އެކު މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ވިދާޅުވި އެވެ. ފްލައިން ފެށޭނެ ކަމަށް ލަފާކުރަނީ ސެޕްޓެމްބަރު ފަހު ކޮޅުގައި ކަމަށް ވެސް ވިދާޅުވި އެވެ.

“އިތުރު ފްލައިޓެއްވެސް ގެނައުމުގެ މަސައްކަތް ކުރަމުން މިދަނީ. އޭގެ 25 ފަސެންޓް ފޭމަންޓް މި ހަފްތާ ތެރޭގައި ދައްކާނަން. އެކަންތައްތައް ކުރަން ހަމަޖެހިފައިވަނީ ސަރުކާރުގެ ވެސް އެހީތެރިކަމާ އެކު،”މުސްތާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކިޔެވުމުގައި އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ 170 ދަރިވަރުންގެ ކިޔެވުން ވީއެންމެ އަވަހަށް ނިންމާލުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުންދާނެ ކަމަށާއި ކުދިންނަށް ކިޔަވާ ދިނުމަށް ތަޖުރިބާ ހުރި އެހެން އިންސްޓްރަކްޓަރުން ހޯދަމުންދާ ކަމަށެވެ.

އައްޑޫގައި އޭއޭއޭ ހިންގަމުންދާ އިމާރާތް ހުސްކުރުމަށް އައްޑޫގެ އެއާޕޯޓްގެ ބޯޑުން ދީފައިވާ އެންމެ ފަހުގެ ތާރީހަކީ ޖުލައި މަހެވެ. ނަމަވެސް އޭއޭއޭ ހިންގުމާ އެވިޑް ކޮލެޖުން ހަވާލުވުމާ ގުޅިގެން އެއާޕޯޓުގެ ބޯޑުގެ ނިންމުން ބަދަލުކޮށް ކުރިން ދީފައިވާ ނޯޓިސް ކެންސަލް ކޮށްދިނުމަށް ވެސް މުސްތާގު ވަނީ އެދިވަޑައިގެންފަ އެވެ. އެކަމަކު އިމާރާތް ހުސްކުރަން ޖެހިއްޖެ ނަމަ އެހެން ގޮތެއް ހޯދާނެ ކަމަށާއި ދަރިވަރުން ނިކަމެތިވާނެ ގޮތަކަށް ކަންކަން ނުކުރައްވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

ކުުދިން އަސާގެ ދަށުން ކިޔަވަން ފަށާނީ އެވިޑްގެ އެކްސެޕްޓެންސް ފޯމެއް ފުރުމަށް ފަހު އެވެ. ކިޔަވަން ފެށުމުގެ ކުރިން އެކުދިންނަށް ޕާސަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ހިންގާނެ އެވެ. ޔުނީފޯމާއި ބެޖް ވެސް ބަދަލު ވެގެންދާނެ އެވެ. އަދި އެކުދިންގެ ފްލައިން ފެށުމުގެ ކުރިން އާ ކަރިކިއުލަމަކަށް ކުދިން ތަމްރީން ކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!