އެގްރީމެންޓުގައި ސޮއިކުރާ ދުވަހު ތަޅުދަނޑި ހަވާލުކުރާނެ: އެޗްޑީސީ

ހިޔާ ފްލެޓްތަކުގެ އެގްރީމެންޓްތަކުގައި ސޮއިކުރާ ދުވަހު ފްލެޓްތަކުގެ ވެރި ފަރާތަށް ތަޅުދަނޑި ޙަވާލުކުރާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކާއެކު އެގްރީމެންޓްތަކުގައި ސޮއިކުރުން އަންނަމަހުގެ 14 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާ މަޝްރޫޢުގެ ދަށުން މިވަގުތު ކުރަމުންދާ މަސައްކަތްތަކާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވީ، ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން ހައުސިންގ މިނިސްޓްރީން އެ ކޯރޕަރޭޝަނަށް މިހާތަނަށް ހިއްސާކޮށްފައިވާ ލިސްޓުތަކުގައި ހިމެނޭ އެންމެންގެ ގުރުއަތުނަގެން ނިމިފައިވާކަމަށެވެ.

އެހެންނަމަވެސް ބައެއް ފަރާތްތަކާގުޅޭގޮތުން މިނިސްޓްރީން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާތީ، ގުރުއަތުނެގުން އަދި އެއްކޮށް ނުނިމޭކަމަށާއި، ނަމަވެސް ނުނިމިހުރީ ނިސްބަތުން ވަރަށް މަދު ފަރާތެއްގެ ގުރުއަތުނެގުންކަން އޭނާ ފާހަގަކުރެއްވިއެވެ. ސުޙައިލް ވިދާޅުވީ، ކޮންޓްރެކްޓަަރުގެ ފަރާތުން ހިޔާ ފްލެޓްތަކުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށް ނިންމާ، 6720 އެޕާޓްމަންޓުގެ ތަޅުދަނޑިތައް އެކޯރޕަރޭޝަނާއި މިހާރު ޙަވާލުކޮށްފައިިވާކަމަށެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން އެތަންތަން އިންސްޕެކްޓްކޮށް ރަނގަޅުކުރަންޖެހޭ ކަންކަން ބަލާ އެކަންކަން ކޮންޓްރެކްޓަރ ލައްވާ ކުރުވާފައިވާކަމަށެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެގްރީމެންޓްތަކުގައި ސޮއިކުރުން ޖުލައި 14 ގައި ފެށުމަށް ވަނީ ނިންމާފައެވެ. ސުޙައިލް ވިދާޅުވީ، އެގްރީމެންޓްތަކުގައި ސޮއިކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހުރަވީ ސްކޫލުގެ ހޯލުގައިކަމަށެވެ. މި މަޝްރޫޢުގެ ދަށުން 16 ޓަވަރެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާއިރު، އެގްރީމެންޓްތަކުގައި ސޮއިކުރުން ކުރިއަށްދާނީ ޓަވަރުތަކުގެ ތަރުތީބުންކަމަށާއި، އެގްރީމެންޓްތަކުގައި ސޮއިކުރުމުގެ ކުރިން ފްލެޓްތަކުގެ ވެރިފަރާތައް ގަޑިއާއި ދުވަސް ކުރިއާލާ އެޗް.ޑީ.ސީގެ ފަރާތުން އަންގަމުންދާނެކަމަށްވެސް ސުޙެއިލް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ރާވާފައިވަނީ ހުރަވީ ސްކޫލުގެ ހޯލު މިކަން ކުރުމަށް ބޭނުންކުރާގޮތަށް. އެތަނުގައި 25 މޭޒު ޖަހަައިގެން އެއްފަހަރާ 25 ބޭފުޅުންނަށް ސޮއިކުރުމުގެ ކަންތައްތައް ކުރިއަށްގެންދެވޭގޮތަށް. މި ޕްރޮސެސްއަށް އަޅުގަނޑުމެން މި ބަލަނީ 25 މޭޒު ބަހައްޓައިގެން ދުވާލަކު 300 އާއި 350 އާއި ދެމެދުގެ ބޭފުޅުންނަށް ފްލެޓް ޙަވާލުކުރެވޭނެކަމަށް މި ބަލަނީ. އިތުރަށް ދެން ބަދަލެއް ގެންނަން އެނގޭނީ މިކަން ފަށައިގަތީމަ. ފަހަރެއްގައި މިއަށްވުރެ މަދުވެސް ވެދާނެ. ނޫނީ އަވަހަށް ނިމޭނަމަ ޢަދަދު ގިނަވެސް ކުރެވިދާނެ” ސުޙައިލް ވިދާޅުވިއެވެ.

 ހިޔާ ފްލެޓްތަކުގައި ސޮއިކުރުން ޖުލައި 14 ގައި ފެށުމަށް ނިންމާފައިވާއިރު، އެ ތާރީޚުން ފެށިގެން 30 ދުވަހުގެ މި މަސައްކަތް އެއްކޮށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!