ކުދި ވިޔަފާރިތަކަށް 2 ލޯނެއް ސަރުކާރުން ތައާރަފްކޮށްފި

“ކޯވިޑް-19 ރިކަވަރީ އިކޮނޮމިކް ސްޓިމިއުލަސް ސްކީމް”ގެ ދަށުން ވިޔަފާރިތަކަށް ޚާއްޞަކޮށް 2 ލޯނެއް ސަރުކާރުން ތައާރަފްކޮށްފިއެވެ.

ސަރުކާރުން އަލަށް ތައާރަފްކޮށްފައިވަނީ އިކޮނޮމިކް ސްޓިމިއުލަސް ލޯނާއި، އިކޮނޮމިކް ސަސްޓެއިނަބަލް ލޯނެވެ.

ސަރުކާރުން ވިދާޅުވީ، މިއީ ކޮވިޑް-19އާ ގުޅިގެން ވިޔަފާރިތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން ތައާރަފުކުރާ ދެ ލޯން ސްކީމެކެވެ. މި ލޯނު ސްކީމް ތައާރަފްކޮށްފައިވަނީ ފިނޭންސް މިނިސްޓްރީއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެންނެވެ.

ލޯނު ތައާރަފްކުރުމަށްފަހު ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ، މި ލޯނުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މިހާރު ހުރި ވިޔަފާރިތައް ކުރިއަށްގެންދިއުމަށް ލޯނު ދިނުމަށްކަމަށެވެ. އޭގެތެރޭގައި ކެފޭތަކާއި ސެލޫންތަކާއި ރެސްޓޯރަންޓްތައް ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޮންސަލްޓަންޓުގެ އެހީތެރިކަމާއިއެކު ވިޔަފާރި ބައްޓަން ކުރެވޭނެ ގޮތާއި ފަންނީ އެހީ ދީގެން ކުރިއަށްގެންދިއުމަށް އިސްކަން ދެއްވާނެކަމަށެވެ.

“އަޅުގަނޑުމެން މިއަދު އިރާދަކުރެއްވިއްޔާ މި ހުޅުވާލަނީ އެސްއެމްއީތަކަށް އަނެއްކާވެސް ވިޔަފާރިތައް ކޮޅަށްޖަހައި ކުރިއެރުވުމަށްޓަކައި ޚާއްސަ ޕެކޭޖްތަކެއް. މައިގަނޑު ގޮތެއްގައި އެގްޒިސްޓިން ވިޔަފާރިތަކަށް އަޅުގަނޑުމެން މި ޕެކޭޖް މި އަމާޒުކުރަނީ. އަދި އެސްއެމްއީ ބޭންކުގެ މިއަހަރަށް ހުރި ހުރިހައި ފަންޑުތަކެއްގެ ބޮޑުބައެއް އަޅުގަނޑުމެން ޓާގެޓްކުރާނީ އެގްޒިސްޓިން ވިޔަފާރިތައް ކޮޅަށްޖަހައި ދިރުވައި ކުރިއަށްގެންދެވޭނެ ނިޒާމެއްގެ ތެރޭގައި ލޯނުތައް ބައްޓަންކޮށްގެން ކުރިއަށްގެންދިއުން” މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، މި ލޯނުގެ ދަށުން 375 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވިގެންދާނެކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ނުދެކޭފަދަ އިންޓްރެސްޓް ރޭޓުވެސް ކުޑަ ގްރޭސްޕީރިއަޑްވެސް ބޮޑު ލުއިލޯނެއްގެ ގޮތުގައި މިނިސްޓަރ ވަނީ ފަހަގަކުރައްވާފައެވެ. މި ލޯނުގެ ސަބަބުން މި ދަނޑިވަޅުގައި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ފައިދާ ކުރާނެކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް ފިނޭންސް މިނިސްޓްރީން ވަނީ 20 މިލިއަން ޔޫރޯ ޚާއްޞަކޮށްފައެވެ. މި ސްކީމްގެ ދަށުން އެންމެ ގިނަވެގެން ދޫކުރާނީ ކޮންމެ ފަރާތަކަށް ގިނަވެގެން 10 މިލިއަން ރުފިޔާއެވެ. މި ލޯނު ދެއްކުމަށް 4 އަހަރު ދުވަސް ލިބޭނެއެވެ. މި ސްކީމްގެ ދަށުން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ %6 އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!