ޖުލައި 8 އާ ހަމައަށް ދައުރު ދިގު ދަންމާލަނީ

ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ ދެވަނަ ދައުރު ޖުލައި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ދިގުދަންމާލުމަށް ހުށަހަޅައިފިއެވެ.

ބުދަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު މައްސަލަތައް ނިންމުމަށްޓަކައި މިދައުރު ދިގުދަންމާލުމަށް ޖެހޭކަމަށެވެ. އެގޮތުން މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން ދެ ވަނަ ދައުރު ހިނގާނީ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަސް ނިމެންދެން ކަމަށާއި ނަމަވެސް މަސައްކަތްތައް ނިންމުމަށްޓަކައި ޖުލައި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ދައުރު ދަންމާލުމަށް ހުށަހަޅުއްވާކަމަށެވެ.

ދައުރު ދަންމާލުމަށް ބުދަ ދުވަހުގެ ޖަލްސާގައި ވޯޓަށް އަހާނެއެވެ. މިދައުރުގައި ހިނގަމުންދާ މުހިންމު މަސައްކަތްތަކަށް ބަލާއިރު ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލްތަކުގެ މަސައްކަތާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލްގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީ ކުރިޔަށްގެންދާ 241 ކޮމިޓީގެ މަސައްކަތް ހިމެނެއެވެ. އެކޮމިޓީން މަސައްކަތްކުރަމުން އަންނަނީ މި މަސް ނިމެންވާއިރަށް ކޮމެޓީ ރިޕޯޓް އެކުލަވާލައި ތަޅުމަށް ފޮނުވުމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!