ސިޔާމަށް ނަސޭހަތް ދީފި

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން “ދަަންޖައްސަައި މަރައިލިޔަސް ފާފަ ނުވާނެ” ކަމަށް ވިދާޅުވެ، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވާހަކަ ދައްކަވާފައި ވާތީ މަޖިލީހުގެ އިދާރާ އިން އޭނާ އަށް މިއަދު ނަސޭހަތްދީފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ސިޔާމް ދެެއްކެވި ވާހަކައާ ގުޅޭ ގޮތުން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމާފައި ވަނީ ލިޔުމުން ނަސޭހަތް ދިނުމަށް ކަަމަށެވެ.

“މަޖިލީހުގެ ގަދަރާއި ޝަރަފާއި ކަރާމާތާއި އަބުރުު ދެމެހެއްޓޭނޭހެން މެމްބަރުންގެ އަމަލުތައް ބެހެއްޓުމަށްޓަކައި މިފަދަ ކަމެއް ތަކުރާރު ނުކުރެއްވުމަށް މީދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ސިޔާމް މުހައްމަދަށް ނަސޭހަތްތެރިވަން،” އީވާ ވިދާޅުވި އެވެ.

އެމްޑީއޭގެ ލީޑަރު ސިޔާމަށް، އެ ނަސޭހަތް ލިޔުމުން ފޮނުއްވާނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

މި މަހުގެ 23 ވަނަ ދުވަހު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުން ނިންމައިލި ވަގުތު، އެމްޑީޕީގެ ވެސް އިސް މެމްބަރު ހިސާން ދަންޖައްސަން ޖެހޭ ކަމާއި އޭނާ މަރައިލިޔަސް ފާފަ ނުވާނެ ކަމަށް ސިޔާމް ވިދާޅުވި މައްސަލަ ހިސާންގެ ފަރާތުން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލު ކަމަށް ވަނީ ގެނެސްފަ އެވެ.

އެ މައްސަލައިގައި ސުލޫކް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ހުށަހެޅުއްވީ ސިޔާމަށް ނަސޭހަތްތެރިވުމަށާއި މާފަށް އެދިވަޑައިގަތުމަށް އެންގުމަށެވެ.

އެ ހުށަހެޅުމާ މެދު ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވެފައި ވަނީ ސިޔާމް މިހާރު ވަނީ ހިސާންގެ ކިބައިން މާފަށް އެދިވަޑައިގެންފައި ކަމަށާއި އެ ދެ ބޭފުޅުން މިހާރު ސަލާންކޮށް މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

ސިޔާމް މާފަށް އެދިވަޑައިގަތް ކަމަށް އާދަމް ޝަރީފް ވިދާޅުވުމުން، އެ މައްސަލަ ބޭރުކޮށްލަން ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި އެވެ. ނަމަވެސް ފާސްވީ ސިޔާމް، ހިސާންގެ އަރިހުން މާފަށް އެދިވަޑައިގަންނަވަން އެންގުމަށާއި ނަސޭހަތްތެރިވުމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!