ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 160.26 މިލިއަން ރުފިޔާ ދޫކޮށްފި

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގެ ކަންކަމުގައި ފްރަންޓްލައިންގައި މަސައްކަތްކުރަމުންދާ މަސައްކަތްތެރިންނަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 160 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫން 11 ނިޔަލަށް 12,280 ފްރަންޓްލައިން މަސައްކަތްތެރިންނަށް 160.26 މިލިއަން ރުފިޔާ ވަނީ އެލަވަންސްގެ ގޮތުގައި ދޫކޮށްފައެވެ.

ކޮވިޑް-19އާ ގުޅިގެން މި އެލަވަންސް ފްރަންޓްލައިން މަސައްކަތްތެރިން ދޭން ނިންމާފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ހައި ރިސްކް ކެޓަގަރީ، މީޑިއަމް ރިސްކް ކެޓަގަރީ، އަދި ލޯ ރިސްކް ކެޓަގަރީއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުން، ނުވަތަ ބަލި ހުރެދާނެ ކަމަށް ބެލެވޭ ހައި ރިސްކް މީހުންނާއި، ތަކެއްޗާ ގާތުން ދިމާވެދާނެ މީހުން ހައި ރިސްކް ކެޓަގަރީގައި ހިމެނޭއިރު، އެ ކެޓަގަރީގެ މީހުންނަށް ދުވާލަކަށް 500 ރުފިޔާ އެލަވަންސްގެ ގޮތުގައި ދޭން ވަނީ ނިންމާފައެވެ. އަދި މީޑިއަމް ރިސްކް ކެޓަގަރީގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ޚިދުމަތް ދޭން ނުޖެހުނު ނަމަވެސް، ހައި ރިސްކް މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުން ހިމެނޭއިރު، އެ މީހުންނަށް ދުވާލަކަށް ދިނުމަށް ނިންމީ 250 ރުފިޔާއެވެ.

ލޯ ރިސްކް ކެޓެގަރީގައި ހިމެނޭ މީހުންނަށް ދޭން ނިންމީ ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ. ލޯ ރިސްކް ކެޓަގަރީގައި ހިމެނެނީ ހައި ރިސްކް އަދި މީޑިއަމް ރިސްކް ކެޓެގަރީގައި ނުހިމެނޭ، އެހެން ނަމަވެސް ކޮވިޑް-19ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް 6 ގަޑިއިރު ހޭދަކުރާ މީހުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!