ކަންގަނާ މިފަހަރު ގޮވައިލީ އިންޑިއާގެ ނަން ބަދަލުކުރުމަށް!

އަވައްޓެރި އިންޑިއާއަށް ކިޔާ ނަން، އެހެން ނަމަކަށް ބަދަލުކުރަން އެ ޤައުމުގެ މަޝްހޫރު ފިލްމީ ބަތަލާ ކަންގަނާ ރަނައުތު ގޮވާލައިފިއެވެ.

އިންޑިއާގައި ހިނގާ ހުރިހާ ކަމަކަށް ބަސްބުނާ ކަންގަނާ މިފަހަރު އެ މޭރުމުން ވާހަކަ ދައްކާފައި ވަނީ، އިންސްޓަގްރާމް މެދުވެރިކޮށް މިއަދު ހިއްސާކުރި ޕޯސްޓުތަކެއްގައެވެ. އެގޮތުން އޭނާ ބުނީ، އިންޑިއާއަށް “އިންޑިއާ” މި ނަން ދެވުނީ އިނގިރޭސީންގެ އަޅުވެތިކަމުގައި އެ ޤައުމު އޮއްވައި އެމީހުން ކަމަށެވެ. އަދި އިންޑިއާގެ މާނައަކީ، އިންޑަސް ކޯރުގެ އިރުމަތި ހިސާބު ކަމަށާއި، އެ ނަމުން އެ ޤައުމުގެ އާދަކާދައާއި ތާރީޚު އެއްވެސް ވަރަކަށް ސިފަކޮށްނުދޭ ކަމަށެވެ.

ކަންގަނާ ބުނީ، އެއްވެސް މީހަކު އެމީހެއްގެ ދަރިއަކަށް އެކުއްޖާގެ ސިފައަށް ނިސްބަތްކޮށް، ނުވަތަ އެކުއްޖާ އުފަންވީ ކިތައްވަނަ އަށްތޯ ބަލާފައި ނަން ނުކިޔާނެ ކަމަށާއި، ޤައުމަކަށް ވެސް އެފަދަ ނަމެއް ދީގެން ނުވާނެ ކަމަށެވެ. އެއާއެކު، ކަންގަނާ ވަނީ އިންޑިއާގެ ނަން އަލުން “ބާރަތު” އަށް ރަސްމީކޮށް ބަދަލުކުރުމަށް ގޮވާލައިފައެވެ. ބާރަތަކީ އެންމެ އިހުޒަމާނުގައި އިންޑިއާގެ މީހުން އެ ޤައުމަށް ނިސްބަތްކޮށް ކިއީ ނަމެވެ.

“ބާރަތު” މި ލަފުޒަކީ ސަންސްކްރިތީ ބަހުރުވައިން “އަލިފާން” ކަމަށާއި، އިންޑިއާ މީހުން އަޅުވެތިވުމުގެ ކުރިން ރަމްޒުކޮށްދިނީ އެ ލަފްޒުން ކަމަށް ކަންގަނާ ވަނީ ބުނެފައެވެ. މީގެ އިތުރުން ކަންގަނާ ވަނީ އިނގިރޭސިވިލާތުން އިންޑިއާގެ ޙާއްސަ މޮނިއުމެންޓުތަކަށް ވެސް އެމީހުން ބޭނުންވާ ގޮތަށް ނަން ދީފައިވާ ކަން ފާހަގަކޮށް، އެކަންވެސް ކުށްވެރިކޮށްފައެވެ.

“އަހަރެމެންގެ ގެއްލިފައިވާ މިނިވަންކަން އަލުން އިއާދަކުރަން ހިނގާ. މިކަން ފެށޭނީ ބާރަތު، މި ނަމާ އެކީ”، ކަންގަނާ ލިޔެފައިވެއެވެ.

އިނގިރޭސީންގެ އަޅުވެތިކަމުން އިންޑިއާ މިނިވަންވީ 1947 ގައެވެ.

ކަންގަނާއަކީ އިންޑިއާގެ އާދަކާދައާ ބެހޭގޮތުން ވަރަށް ގިނައިން ވާހަކަދައްކާ މީހެކެވެ. އަދި އޭނާ ނިސްބަތްވާ ހިންދޫ ދީނުގެ މީހުންނަށް ބާރުލިބޭ ގޮތަށް އަޑުއުފުލާއިރު، ބައެއް ފަހަރު އެހެން ދީންތަކުގެ މީހުންނާ ދެކޮޅަށް ވެސް ބަސް ބުނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!