އިރުއޮއްސި 6 އިން ފަތިހު 4 އަށް ކާފިއު ކުރުކޮށްފި

މާލޭގައި އިއުލާންކޮށްފައި އޮންނަ ކާފިއު ހަވީރު 18:00 އިން ފަތިހު 04:00 އަށް ބަދަލުކުރަން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އެކަން އިއުލާން ކުރެއްވިއިރު، މިހާރު މާލެ ސަރަަހައްދުގައި ކާފިއު ހިންގަނީ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ފަތިހު 4 އަށެވެ.

ކާފިއު އަށް ކުޑަވަރެއްގެ ލުޔެއް ދިން ނަމަވެސް އަދިވެސް ބޭރުގައި އުޅެވެނީ ފުލުހުން ދޫކޮށްފައިވާ ފާސް އޮންނަ މީހުންނަށް އެކަންޏެވެ. ކާފިއު ނޫން ވަގުތުތަކުގައި ވެސް ބޭރުގައި އުޅެވޭނީ އެ ހުއްދަ އޮންނަ މީހުންނަށެވެ.

މާދަމާ އިން ފެށިގެން ކާފިއު ގަޑި ހަވީރު 6 ޖަހާއިރު ފަށާ ގޮތަށް ނިންމިއިރު، މެންދުރު 12 އިން ހަވީރު 4 އަށް ބޭރަށް ނުކުމެ އުޅުމަށް ފުލުހުން ދޫކޮށްފައިވާ ފާސް ހަވީރު 6 އާ ހަމައަށް ބޭނުން ކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މީގެ އެއް ހަފުތާ ކުރިއެކޭ އެއްގޮތަށް އަދިވެސް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް މާ ބޮޑު ލުޔެއް ސަރުކާރަކުން ނުދެ އެވެ. މާދަމާ އިން ފެށިގެން ހަމައެކަނި ދިން ލުޔަކީ ކާފިއުގެ ވަގުތު ދެ ގަޑިއިރަށް ކުޑަކުރުމާއި ޖިމްތައް ހުޅުވުމެވެ. ޖިމްތައް ހުޅުވުމުގެ ހުއްދަ ދިނީ ކޮންމެ ދުވަހެއްގެ ފަތިހު 5 އިން ހަވީރު 6 އަށެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ފިޔަވަޅުތައް ހަރުކަށިކޮށް، ލޮކްޑައުންއެއް އިއުލާން ކޮށްފައި ވަނީ މިދިޔަ މޭ 26 އިން ފެށިގެންނެވެ. އޭގެ ފަހުން ސަރުކާރުން އަންނަނީ ކޮންމެވެސް ވަރެއްގެ ލުޔެއް ދެމުންނެވެ. އެކަމަކު، އަދިވެސް ކާފިއު އުވާލައި، ކެފޭ/ރެސްޓޯރަންޓުތައް ހުޅުވުން ފަދަ ބޮޑު ލުޔެއް ނުދެ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!