އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ނިންމި ނިންމުމާ ގުޅޭ ލިޔުންތައް ކޯޓުން ޕީޖީއަކަށް ނުދޭ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ ޝަރީއަތް، އޭނާ ރާއްޖެ އިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި ނިންމުމާ ގުޅޭ ލިޔުންތައް އަދިވެސް ކްރިމިނަލް ކޯޓުން ނުދޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތް، އިނގިރޭސި ވިލާތުގެ ލަންޑަނުގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި އަލީ ވަހީދު ހުންނަވައިގެން އޮންލައިންކޮށް އޭނާ އަށް ބައިވެރިވެވަވަޑައިގެންނެވޭ ގޮތަށް ކްރިމިނަލް ކޯޓުން ވަނީ އިންތިޒާމު ހަމަޖައްސައިދީފަ އެވެ.

މި އުސޫލުން އިއްޔެ ބޭއްވި ފުރަތަމަ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި އޮންލައިންކޮށް ޝަރީއަތް ނުހިންގޭނެ ކަމަށެވެ.

ސިއްރު ކޮށްގެން ބޭއްވި އެ ޝަރީއަތަށް ފަހު، ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑުގެ ހާލަތާ ގުޅިގެން ޝަރީއަތް ކުރުމާ ގުޅޭ ހާއްސަ އިޖުރާއާތުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުން ހުއްދަކުރާ 12 ހާލަތުގެ ތެރެއިން އެއްވެސް ހާލަތަކަށް އަލީ ވަހީދުގެ ހާލަތު ނުފެތޭ ކަމަށެވެ.

“މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫނެވެ. އެހެންކަމުން އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން އިއުތިރާޒު ކުރީމެވެ،” ޕީޖީ އޮފީހުގެ ބަޔާނުގައި ވެ އެވެ.

އެ އޮފީހުން ބުނިގޮތުގައި، ރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި އަލީ ވަހީދު ހުންނަވައިގެން ޝަރީއަތުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ބެލެވޭތީ ދައުލަތުން އެ ކަމަށް އިއުތިރާޒުކޮށް، އެކަން ވެފައިވާ ގޮތެއް ސާފު ކުރަން ގާޒީއާ ހަސަން ސައީދުއާ ޝަރީއަތުގެ މަޖިލީހުގައި ވެސް ސުވާލު ކުރި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ދީފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅަން ޖެހެ އެވެ. އެކަމަށް އިތުރު ފުރުސަތެއް ނުލިބޭނެ ކަމަށް ގާނޫނުގައި ބުނާއިރު އިތުރު ފަސް ދުވަސް ގާޒީ ދެއްވި ކަމަށް ދައުލަތުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ އަލީ ވަހީދުގެ މައްސަލައިގައި ގާޒީ ނިންމާފައިވާ ނިންމުންތައް އެ އޮފީހާ ހިއްސާކުރުމަށް އެދުނު ނަމަވެސް އެކަންކަން ހިއްސާކޮށްފައި ނުވާ ކަމަށެވެ. މީގެތެރޭގައި ބޭރަށް ދާން ހުއްދައަށް އެދުނު މެޑިކަލް ޑޮކިއުމެންޓްތަކާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ބާއްވައިދިނުމަށް އެދި ހުށަހެޅި މެޑިކަލް ޑޮކިއުމެންޓްތައް ހިމެނެ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ބޭއްވޭނެ 12 ގޮތެއް ކަނޑައަޅާފައިވީ ނަމަވެސް އަލީގެ މައްސަލަ އެތަނުން އެއްވެސް ހާލަތަކަށް ފެތޭ ކަމަކަށް ޕީޖީ އޮފީހުން ނުދެކެ އެވެ.

އެހެންކަމުން އަލީގެ ޝަރީއަތަކީ ވީޑިއޯ ކޮންފަރެންސްކޮށް ހިންގޭނެ ޝަރީއަތެއް ނޫން ކަމަށް ދައުލަތުން ދެކޭތީ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރަން ވަނީ ނިންމާފަ އެވެ. ނަމަވެސް އިސްތިއުނާފްގެ ކަންކަން އެއްކޮށް ނިންމައިލެވޭނީ އެ ނިންމުމާ ބެހޭ ލިޔުންތައް ގާޒީ ހަސަން ސައީދު ހިއްސާކުރެއްވުމުން ކަމަށް ވެސް ދައުލަތުން ފާހަގަކުރެއްވި އެވެ.

ޕީޖީ ޝަމީމު ކުރިން ވިދާޅުވެފައި ވަނީ ޕީޖީ އޮފީހުން އެއްވެސް އިރެއްގައި ދައުވާ ލިބޭ މީހާ އާއި ސީދާ މުއާމަލާތް ނުކުރާ ކަމަށާއި އެކަން ކުރަނީ ފުލުހުން މެދުވެރިކޮށް ކަމަށެވެ. އަލީ ވަހީދުއާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި ދެމެދު މުއާމަލާތްތަކެއް ހިނގާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އެއީ ކޮންކަހަލަ މުއާމަލާތެއް ކަން އެނގިފައި ނުވާ ކަމަށެވެ.

އަލީގެ ޕާސްޕޯޓް ހިފަހައްޓަން ކުރި އަމުރު ބާތިލުކުރީ ވެސް ގާޒީ ހަސަން ސައީދެވެ. އެ މައްސަލަ ޖޭއެސްސީން މިހާރު ބަލަމުން އަންނައިރު އެ ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައި ދައުވާ ލިބޭ މީހާ ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރެއް ބާތިލު ކުރުމަށް ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނު އަސާސީއާ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!