ނަފުރަތުގެ ޢަމަލުތައް ހުއްޓުވުމާގުޅޭ ބިލަށް އިސްލާމިކް މިނިސްޓްރީން 3 އިސްލާހެއް ހުށަހަޅައިފި

ނަފުރަތުގެ ޢަމަލުތައް ހުއްޓުވުމަށް ޤާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށައެޅި ބިލާގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ރައުޔު ހާމަކޮށްފިއެވެ. މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ރައުޔަކަށް މަޖިލީހުންވަނީ ހުށައަޅާފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިކަމާގުޅިގެން ދީނީ ޢިލްމުވެރިންނާއި ޤާނޫނީ ވަކީލުންނާ މަޝްވަރާކޮށް އެ ބިލު ފާސްވެގެން އަންނައިރު ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތަށް ބުރޫއަރާ، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ދައުވަތު ފުޅާކުރުމަށް ހީނަރުކަމެއް ނާންނާނެ ގޮތަކަށް ފަރުމާ ކުރުމަށް މަޝްވަރާ ކޮށްފައިވާކަމަށެވެ.

މަޝްވަރާތަކަށް ބަލާ މިނިސްޓްރީގެ ރައުޔު ބިނާކޮށްފައިވާނީ މައިގަނޑު ތިންކަމެއްގެ މައްޗަށް ކަމަށް އެމިނިސްޓރީން ވިދާޅުވެއެވެ. އެއީ އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނަޔަށް ގެއްލުންލިބުމަށް މަގުފަހިވާފަދަ ކުށްތައް މަނާކުރުމާއި، އިސްލާމް ދީނުގެ ދައުވަތު ފެތުރުމާއި ހެޔޮކަންކަމަށް ގޮވާލުމާ ނުބައިކަންކަން ނަހީކުރުމުގެ މަތިވެރި ވާޖިބަށް ހުރަސްއެޅިދާފަދަ މާއްދާތައް އިސްލާހު ކުރުމާއި، އިސްލާމްދީނާ ދެކޮޅަށް ހިންގާނަފުރަތުގެ އަމަލުތައް އެބިލުގައި ހިމެނުމުގެ މައްޗަށެވެ.

މިނިސްޓްރީން ބުނީ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އިތުރުވަމުންދާ ދުވަސްވަރެއްގައި ނަފުރަތުގެ ކުށް ބަޔާންކޮށް ގާނޫނެއް ވުޖޫދު ކުރެވޭ ހިނދު އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ގާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ދެކޭ ކަމަށެވެ.

އޭގެ އިތުރުން އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ނުވަތަ އިންސާނިއްޔަތާ ދެކޮޅަށް ބައެއް ގައުމުތަކުން ނުވަތަ ޖަމާއަތްތަކުން ބޮޑެތި ޖަރީމާތައް ހިންގާ ހިނދު އެކަމާ ދެކޮޅަށް މުސްލިމުންނާއި ޣައިރު މުސްލިމުން ވެސް ހިމެނޭގޮތަށް ހިންގާ ސުލްހަވެރި ހަރަކާތްތަކަކީ ބައިނަލްއަގްވާމީ ގޮތުންވެސް ބަލައިގަނެވޭ ކަންކަން ކަމުގައި ވާތީ އެފަދަ ކަންކަން ޖިނާއީ ކުށެއްގެ ގޮތުގައި މާނަކުރެވިދާނެތީ އެފަދަ ބައެއް ލަފުޒުތަކަށްވެސް މިނިސްޓްރީގެ ރައުޔުގައި ރިއާޔަތްކޮށްފައި ވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މުޖުތަމަޢުގެ ފަރުދުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމާއި، ތިމާއާއި ދެބަސްވާ ކޮންމެ މުސްލިމަކު ކާފަރުކުރުމާއި، އިސްލާމްދީނުގެ އިލްމުވެރިންނާއި އެނޫންވެސް މުސްލިމުންގެ ބޮލުގައި ދޮގުއިލްޒާމު އެޅުވުމާއި، އެކިބާވަތުގެ ވާދަވެރިކަމުގައި ފިތުނަފަސާދަ އާއި ނަފުރަތުގެ އަމަލުތައް ހިންގުމަކީ އިސްލާމްދީން މަނާކުރާ ކަންކަމެވެ. އަދި އެފަދަ އެއްވެސް ޢަމަލަކީ މިނިސްޓްރީއިން ބަލައިގަނެ ތަރުހީބު ދޭނޭކަމެން ނޫންކަމަށްވެސްވަނީ އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!