އަކްޝޭ ތަރިއަކަށް ހަދައިދިނީ އަހަރެން: އަބީޖީތު ބަޓަޗާރްޔާ

ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރުގެ ތަރި ފިޔަޖަހަން ފެށީ އަބީޖީތު ބަޓަޗާރްޔާގެ ސަބަބުން ކަމަށް އަބީޖީތު ބުނެފިއެވެ.

1990 ގެ އަހަރުތަކުގައި ނުކުތް ގިނަ ފިލްމުތަކަކަށް ލަވަކިޔައިދީފައިވާ ކާމިޔާބު ލަވަކިޔުންތެރިޔާ އެހެން ބުނެފައިވަނީ އޭނާގެ ފޭނުން ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ. އެގޮތުން އަބީޖީތު ލަވަކިޔައިދިން ގިނަ އެކްޓަރުންގެ ތެރެއިން އެންމެ ކަމުދަނީ ކޮން އެކްޓަރެއްތޯ ސުވާލުކުރުމުން އޭނާ ބުނީ، އޭނާ ލަވަކިޔައިދެނީ އެކްޓަރުންނަށް ނޫން ކަމަށާއި، ތަރިންނަށް ކަމަށެވެ. އަދި އޭނާ ކިތަންމެ ރީއްޗަށް ލަވައެއް ކިޔައިދިނަސް، އެ ލަވައަށް އެކްޓުކުރާ މީހާއަކީ ތަރިއެއް ނޫންނަމަ އެ ލަވައިގެ އެއްވެސް އަގެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

“މިސާލަކަށް ބަލަމާ ޝާހްރުކް ޚާން. އޭނާއަކީ ވަރަށް މަޤުބޫލު ތަރިއެއް. ވާހަކަދެއްކުމުގަ ވެސް ގޮތްތަކެއް ހުރޭ. އަނެއްކޮޅުން ސުނިލް ޝެޓީއަކީ އާންމުކޮށް ފިލްމުތަކުގަ ވަރަށް ރުޅިގަދަ، ވަރުގަދަ ޝަހުސިއްޔަތެއް. އެހެންވީމަ ސުނިލް ޝެޓީއަށް ލަވައެއް ކިޔުއްވަންޏާ އެ ލަވަކިޔުންތެރިޔާގެ ވަރަށް ބަރު އަޑެއް ހުންނަންޖެހޭ. އެ ދެތަރިންނަށް ވެސް އަހަރެން ވާނީ އަހަރެންގެ އަޑުން ލަވަކިޔައިދީފަ. އަދި އެ ހުރިހާ ލަވައެއްވެސް ހިޓުވެގެން ދިޔަ”، އަބީޖީތު ބުންޏެވެ.

ދެން އޭނާ ދިން މިސާލަކީ އަކްޝޭ ކުމާރެވެ. އަބީޖީތު ބުނީ އަކްޝޭގެ ކެރިއަރު ފެށިއިރު އޭނާއަކީ ފެންވަރުދަށް އެކްޓަރެއްގެ ގޮތުގައި ލޭބަލްވެފައިވާ މީހެއް ކަމަށެވެ. އެގޮތުން އޭރު އޭނާއަކީ މިތުން ޗަކްރަބަތީގެ “ފަގީރު ވާޝަން” ކަމަށް އަބީޖީތު ބުންޏެވެ. އެކަމަކު އެކަން ބަދަލުވެ އަކްޝޭ ތަރިއަކަށް ވެގެންދިޔައީ، އަބީޖީތުގެ އަޑުން 1992 ވަނަ އަހަރު “ކިލާޅީ” ފިލްމަށް ލަވަކިޔައިދިނުމުން ކަމަށް ބުންޏެވެ. އެ ލަވައަކީ “ވާދާ ރަހާ ސަނަމް” އެވެ.

އަބީޖީތު ބަޓަޗާރިޔާ، 62، އެންމެ ގިނަ ލަވަތައް ކިޔައިދީފައި ހުރީ ޝާހްރުކް ޚާން އެކްޓުކޮށްފައިވާ ފިލްމުތަކަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!