އަހަރުތަކެއް ފަހުން ރަވީ މެސެޖުކުރުމުން އުފަލުން ރޮވުނު: މުއާ

މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ރަވީ ފާރޫގާއި އަބްދުﷲ މުއާޒް(މުއާ) ގެ މެދުގައި ޖެހުނު މައްސަލައަށް އަހަރުތަކެއް ވީ ފަހުން ރަވީ މުއާއަށް ގުޅުމުން އުފަލުން ގޮސް ރޮވުނު ކަމަށް މުއާ ބުނެފިއެވެ.

މުއާ އެހެން ބުނެފައިވަނީ ބައިސްކޯފުން ގެނެސްދޭ “ޑްރާފްޓްސް” ޝޯގެ އެންމެފަހުގެ އެޕިސޯޑުގައި ރަވީއާއެކީ ބައިވެރިވަމުންނެވެ. އެގޮތުން އެ ޝޯގައި ދެ ޅިޔަނުންގެ ގޮތުގައި ބައިވެރިވެ، މުއާ އާއި ރަވީ އެކަކު އަނެކަކާ ގިނަ ސުވާލުތަކެއް ކޮށްފައެވެ. އޭގެތެރެއިން އެއް ސުވާލަށް ޖަވާބުދެމުން ރަވީ ވަނީ، އެދެމީހުންގެ މެދުގައި މައްސަލަ ޖެހުނު ހިސާބާއި، އެ މައްސަލަ ހައްލުކޮށް އަލުން ގުޅުން ބަދަހިކޮށް ވާހަކަދައްކަން ފެށި ދުވަސް ކިޔައިދީފައެވެ.

މުއާއާއި ރަވީ ކައިވެނި ކޮށްގެން އުޅެނީ ފިލްމީ ދާއިރާއަށް ނިސްބަތްވާ ދެބެއިން ކަމަށްވާ މަރިޔަމް އައްޒަ އާއި އައިޝަތު ރިޝްމީ ރަމީޒާއެވެ.

ރަވީ ބުނީ، ފުރަތަމަ މައްސަލައެއް ޖެހުނީ “އިންދިރާސް” ފިލްމު ހެދި ދުވަސްވަރު ކަމަށާއި، އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ މައްސަލަ ހައްލުވި ކަމަށެވެ. ނަމަވެސް އެންމެ ބޮޑު މައްސަލައެއް ޖެހުނީ 2013-2014 ހިސާބުގައި ކަން ހާމަކުރަމުން ރަވީ ބުނީ، ހަގީގަތުގައި އެ މައްސަލަ ޖެހެން ދިމާވި ސަބަބުވެސް ރަނގަޅަށް ނޭނގޭ ކަމަށެވެ. އެހެންވިޔަސް އޭރު ވީގޮތް އޮޅުންފިލުވައި އެ މައްސަލަ ހައްލުކުރަން އުޅުމުގެ ބަދަލުގައި ދެމީހުންވެސް އެކަކު އަނެކަކާ ދުރުވީ ކަމަށް ބުންޏެވެ.

އޭގެފަހުން ރަވީއާއި ރިޝްމީއާ ކައިވެނިކުރެވުނު ކަމަށާއި، އަނެއްކޮޅުން މުއާއާއި އައްޒަ ވެސް ކައިވެނި ކުރި ކަން ރަވީ ފާހަގަކުރިއެވެ. އެކަމަކު އޭރުވެސް ރަވީއާއި މުއާ ތިބީ ދެ ހަތުރުންގެ ގޮތުގައެވެ. އަހަރުތަކަކަށްފަހު އެ މައްސަލަ ހައްލުވީ ދާދިފަހުން މުއާގެ އޮޕަރޭޝަނެއް ކުރިކަން އެނގިގެން ހާލު ބަލައިލަން ރަވީ މެސެޖުކުރި ހިސާބުން ކަމަށް ރަވީ ބުނެއެވެ. އަދި އެރޭ އެދެމީހުންގެ މެދުގައި ވާހަކަދެކެވުނު ކަމަށް ބުންޏެވެ.

އެއަށްފަހު ދެމީހުން އެކުގައި ކުރަން މަސައްކަތެއް ލިބުނު ކަމަށާއި، އެހެނަސް ދިމާވެގެން ވާހަކަދައްކަން ފުރުސަތު ލިބުނީ މައިދައިތަ (އައިމިނަތު ރަޝީދާ) ކެއުމަކަށް ދަޢުވަތު ދިނުމުން ކަމަށް ރަވީ ބުންޏެވެ. އެހިސާބުން ރަވީއާއި މުއާގެ ގުޅުން ބަދަހިވެ، ކުރިއެކޭ އެއްގޮތަށް ކުރިއަށްދާކަން ރަވީ ފާހަގަކުރިއެވެ.

އެ ވާހަކައަށް ތާއީދުކުރަމުން މުއާ ބުނީ، ރަވީ މެސެޖުކުރި ދުވަހަކީ ވަރަށް އުފާވި ދުވަހެއް ކަމަށެވެ. ސަބަބަކީ، ރަވީ އޭނާއާ އެކީ ހުރިކަން ޤަބޫލުކުރެވުމުން ކަމަށް މުއާ ބުންޏެވެ. “ތެދަށް ބުނަންޏާ އުފަލުން ރޮވުނު”، މުއާ ބުނެއެވެ. އޭނާ ބުނީ އެދުވަހު ކުރެވުނު އިހުސާސް އެންމެ ރަނގަޅަށް އެނގޭނީ އެވަގުތު ކައިރީގައި ހުރި އައްޒައަށް ކަމަށެވެ. ހަމައެހެންމެ، އޭގެ އަނެއް ދުވަހު ކެއުމުގައި ބައިވެރިވާން އުޅުނުއިރު ވެސް ވަރަށް އުފާވި ކަމަށް ބުންޏެވެ.

މުއާއާއި ރަވީގެ އެކުވެރިކަން ފެށުނީ 2003 ގައި ކަމަށް އެދެމީހުން ބުނެއެވެ. މިދެތަރިން އެކުގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!