މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް ސަރުކާރުން ހުށައެޅިގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ދައުލަތުގެ ދެބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދެއްވުމަށް ސަރުކާރުން ހުށައެޅި ބިލު ދިރާސާކުރެއްވި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން އެބިލަށް މާބޮޑު ބަދަލެއް ގެނެސްފައެއް ނުވެއެވެ. ކޮމިޓީ މަރުހަލާގައި ނިންމިގޮތަށް މިއަދު ބޭއްވި ޖަލްސާގައި މިކަމާގުޅޭ ރިޕޯޓުތައް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކޮށްދިނުމަށް ރަސްމީ ގެކޮޅު ހަމަޖެއްސުމަށް ސަރުކާރުގެ ފަރާތުންވަނީ ކަމާގުޅުންހުރި ދެ ޤާނޫނަށް އިސްލާޙުގެންނަން މަޖަލީހަށް ހުށައަޅާފައެވެ.

ބިލުތައް ފާސްކުރެއްވީ އޭގައި ހިމެނޭ ބައެއް އިބާރާތްތަކަށް ކޮމިޓީ މަރުހަލާގައި ބަދަލު ގެނައުމަށްފަހުއެވެ. އެގޮތުން މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސައި ދިނުމަށް ހިމަނާފައި އޮތް އޮތުމުގެ ބަދަލުގައި، އެބޭފުޅުންނަށް ދިރިއުޅުއްވާނެ ތަނެއް ހަމަަޖައްސައި ދޭން ޖެހޭކަމަށް ބިލުގެ ޢިބާރާތް ބަދަލުކޮށްފައިވެއެވެ. ކޮމިޓީން އެގޮތަށް ޢިބާރަތް ބަދަލުކޮށްފައިވަނީ، މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ގެކޮޅެއް ހަމަޖައްސައި ދޭން ޖެހޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފިނަމަ އެތަންތަނަކީ ވަކިން ހުންނަން ޖެހޭ އިމާރާތެއްގެ ގޮތުގައި ސިފަކުރުމުގެ ފުރުސަތު އޮންނާނެތީއެވެ.

މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަން ރަސްމީ ގެކޮޅެއް ކަނޑައެޅުވުމަށް ސަރުކާރުން ވަކިވަކިން ހުށައެޅުއްވި ދެބިލުގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ހަމަޖައްސަވާ ގެކޮޅަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އެގެކޮޅަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަޖައްސައިދޭންވާނެކަމަށެވެ. އަދި އެދެބޭފުޅުން ދިރިއުޅުއްވަން ހަމަޖައްސަވާ ތަނަކީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ތަނެއްކަމުގައި ވާންވާނެކަމަށްވެސް ވަނީ ބުނެފައެވެ.

މިދެ ގެކޮޅުގެވެސް ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިންކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅޭ ރަސްމީ ގެކޮޅަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންކަމަށާއި، އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ރަސްމީ ގެކޮޅަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ސްޕްރީމް ކޯޓުންކަމަށްވެސަ ބިލުގައި ވެއެވެ.

މިގޮތަށް ގެކޮޅު ހަމަޖައްސާއިރު މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އިތުރުން އަނބިކަނަބަލުން ނުވަތަ ފިރިކަލުންނާއި މައިން ބަފައިންނާއި، 10 އަހަރުނުވާ ކުދިންތިބި ނަމަ އެކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، 18 އަހަރުވެފައިވީނަމަވެސް ކައިވެނިނުކުރާނަ އެކުދިންނަށްވެސް ދަޢުލަތުން ހަމަޖައްސާ ގޭގައި ތިބެވޭނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!