މާފަރަށް މިހާތަނަށް ޖެއްސި ޖެޓުތަކުގެ އަދަދު މިދިޔައަހަރަށްވުރެ އިތުރު

މިއަހަރުގެ މެއިމަހުގެ ނިޔަލަށް ފަތުރުވެރިންނާއެކު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 280 އަށްވުރެ ގިނަ ޕްރައިވެޓް ޖެޓު ޖައްސާފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

މިއަހަރުގެ މިހާތަަނަށް 280 ޕްރައިވެޓް ޖެޓް މާފަރަށް ޖައްސާފައިވާއިރު މިދިޔަ އަހަރު ނިމުނު އިރު އެ އެއަރޕޯޓަށް ޖައްސާފައިވަނީ 253 ޕްރައިވެޓް ޖެޓެވެ.

2019 ވަނަ އަހަރު ފަހުކޮޅު ހުޅުވާފައިވާ މާފަރު އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެނޭޖްކުރާ އައިލެންޑް އޭވިއޭޝަނުން ހާމަކުރާގޮތުގައި މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު އެ އެއަރޕޯޓަށް ގިނަ އަދަދަކަށް ޖެޓްތައް ޖައްސާފައިވާ ކަމަށެވެ. އަދި ޖެޓުތަކުގައި 1306 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަމަށް އެކުންފުނިން ހާމާކުރެއެވެ.

މޯލްޑިވިއަން އެއަރޕޯޓްސްގެ ޖެނެރަލް މެނޭޖަރ މުމްތާޒް އަލީ ވިދާޅުވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާ ޖެޓުތަކުގައި އެންމެ ގިނަ އަދަދަކަށް އައިސްފައިވަނީ ރަޝިއާ ފަތުރުވެރިންނާއި، މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންކަމަށެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ 74 ޖެޓެވެ. ފެބްރުއަރީމަހު 56 ޖެޓު އެ އެއަރޕޯޓަށް ޖައްސާފައިވާއިރު، މަރޗުމަހު ޖައްސާފައިވަނީ 72 ޖެޓެވެ. އަދި އޭޕްރީލްމަހު 52 ޖެޓު އެއަރޕޯޓަށް ޖައްސާފައިވާއިރު، މޭމަހު މި އަދަދު ހުރީ 29 ގައެވެ.

މުމްތާޒް ވިދާޅުވީ މާފަރަށް ޖައްސާ ޕްރައިވެޓް ޖެޓުތައް މިހާރު ދަށްވެފައިވާކަމަށެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ކޮންރެޑް ރަންގަލި ރިސޯޓު މަރާމާތަށް ބަންދުކޮށްފައިވުމާއި، ވެލާ ރިސޯޓްވެސް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަރާމާތަށް ބަންދުކުރަން ނިންމާފައިވުމުން ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!