މާލެ ޖަލުގެ ކޮވިޑް އަދަދު މައްޗަށް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުންދާ ހިންމަފުށި އައްސޭރި ޖަލުގައި ކޮވިޑް 19ގެ ކޭސްތައް މަދުވެ، މާލެ ޖަލުގައި ކޮވިޑްގެ ކޭސްތައް އިތުރުވެއްޖެ އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަަލް ޔުސްރީން އަހްމަދު ވިދާޅުވީ ހިންމަފުށި ޖަލުގައި މިހާތަނަށް 169 ގައިދީ އަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މީގެތެރެއިން އެންމެ ގައިދީއެއް ފިޔަވާ ހުރިހާ ގައިދީން މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

ކަރެކްޝަންސްގެ އައްސޭރި ޖަލަކީ މިހާތަނަށް އެންމެ ގިނަ ގައިދީން ޕޮޒިޓިވްވި ޖަލެވެ. އައްސޭރި ޖަލުގެ ނުވަ ގައިދީ އަކު ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފައިވާ ކަމަށްވެސް ޔުސްރީން މައުލޫމާތު ދެއްވާފައިވެ އެވެ.

ޔުސްރީން ވިދާޅުވީ އައްސޭރި ޖަލުގެ ގައިދީން ކޮވިޑުން ސަލާމަތްވި ނަމަވެސް އައްސޭރި ޖަލުގެ ތިން މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދާ ކަމަށެވެ. އެ ތިން މުވައްޒަފުންނާއި އަދި ޖަލުގެ އިތުރު މުވައްޒަފަކާ އެކު އައްސޭރި ޖަލުގެ ހަތަރު މުވައްޒަފުން މިވަގުތު ތިބީ ކަރަންޓީނުގައި ކަމަށްވެސް ވިދާޅުވި އެވެ.

މާލެ ޖަލުގެ 109 ގައިދީ އަކު ކޮވިޑަށް ޕޮޒިޓިވްވީ ނަމަވެސް 54 ގައިދީ އަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެކަމަކު އަދިވެސް 55 ގައިދީ އަކު ގެންދަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ. އަދި 121 ގައިދީން ވަނީ އެހެން ގައިދީންނާ އެކަހެރިކޮށް، ޖަލުގެ ތެރޭގައި ކަރަންޓީނު ކޮށްފަ އެވެ.

މާލެ ޖަލުގެ ނުވަ މުވައްޒަފުން ކަރަންޓީނުގައި ތިބިއިރު މީގެތެރެއިން ހަތަރު މުވައްޒަފުން ގެންދަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންނެވެ.

ކަރެކްޝަންސް އިން ބަލަހައްޓަމުން ގެންދާ އެންމެ ބޮޑު ޖަލު ކަމަށްވާ މާފުށި ޖަލާއި ހުޅުމާލެ ޖަލުގައި ކޮވިޑަށް ޕޮޒިޓިވް އެއްވެސް ގައިދީއެއް މިވަގުތަކު ނެތެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!