ކޮވިޑްގެ ސަބަބުން ދައުލަތައް ލިބޭ ގެއްލުން 36 ބިލިއަން ރުފިޔާއަށް އަރާނެ: އަމީރު

ކޯވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ލިބޭ ގެއްލުން 36 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ، ކައުންސިލަރުން ދައުލަތުގެ މާލިއްޔަތު ޤަވައިދަށް އަހުލުވެރިކުރުވުމުގެ ތަމްރީން ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، މި ދުވަސްވަރަކީ މުޅި ދުނިޔެވެސް ބޮޑު އިޤްތިސާދީ ކާރިސާއެއްގެ ތެރޭގައި އޮތް ދުވަސްވަރެއްކަމަށެވެ. އެހެންކަމުން ޚަރަދުކުރުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެކަމަށާއި، ކައުންސިލްތަކުގެ އަމާޒަކަށްވާންވާނީ ބްލޮކް ގްރާންޓް އަދި ކައުންސިލަށް ލިބޭ އާމްދަނީގެ ތެރޭގައި ޚަރަދުތައް މެނޭޖްކުރުންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، ކޯވިޑް19ގެ ސަބަބުން ދައުލަތައް ލިބޭ އާމްދަނީވެސް ވަރަށް ބޮޑަށް ދަށްވެފައިވާކަމަށެވެ. އެގޮތުން 2020 އިން 2022 ގެ ނިޔަލަށް ކޯވިޑްގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް 2.3 ބިލިއަން ޑޮލަރުގެ ގެއްލުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ދައުލަތައް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ޚަރަދުތައް ކުޑަކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޕެންޑެމިކް އާއި ގުޅިގެން އިތުރުވި ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން އިތުރުކުރެވޭނީ އިޤްތިސާދު ސިންދަފާތުކޮށް ވީ އެންމެ އަވަހަކަށް ގައުމީ އުފެއްދުންތެރިކަން އިތުރުކުރެވިގެން ކަމަށެވެ. އަދޮ 2022 ވަނައަހަރުގެ ބަޖެޓުގެ އަމާޒަކަށް ވާނީ މިގޮތަށް އަމަލުކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!