އަކްޝޭ ޕްރިޔަންކާއާއެކީ ފިލްމުކުޅުން ހުއްޓައިލީ ޓްވިންކަލް ދެކެ ބިރުން!

ބޮލީވުޑްގެ ދެތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ޓްވިންކަލް ކަންނާގެ ކައިވެންޏަށް 20 އަހަރު ފުރިފައިވިޔަސް، އެ ކައިވެނީގެ ފުރަތަމަކޮޅު ވަރަށް ގިނަ މައްސަލަތަކެއް ޖެހުނެވެ. އޭގެތެރެއިން އެންމެ ގިނަ ބައެއްގެ ލޯތައް އަމާޒުވި މައްސަލައަކީ، އަކްޝޭ އޭނާގެ ކޯ-ސްޓާ ޕްރިޔަންކާ ޗޯޕްރާއާ ނަހަމަ ގުޅުމެއް ބާއްވައިގެން އެކަންތައް ޓްވިންކަލް އަށް ފަޅާއެރުމެވެ.

އަކްޝޭއާއި ޕްރިޔަންކާ އެކުގައި ކުޅުނު ފުރަތަމަ ފިލްމަކީ 2003 ވަނަ އަހަރު ނުކުތް “އަންދާޒް” އެވެ. އެ ފިލްމުގައި ބަތަލާ ލާރާ ދައްތާ ވެސް އުޅުނެއް ކަމަކު، ގިނަ ބަޔަކަށް ކަމުދިޔައީ އަކްޝޭއާއި ޕްރިޔަންކާގެ ކެމިސްޓްރީއެވެ. އެއާއެކު، މި ދެތަރިންނަށް އެކުގައި ކުޅެން ގިނަ ފިލްމުތަކަކުން ހުށަހެޅުންތައް ލިބިގެންދިޔައެވެ. ހަމައެހެންމެ، އެދުވަސްވަރު އަކްޝޭއާއި ޕްރިޔަންކާއާ ގުޅުވައިގެން ފާޑުފާޑުގެ އަޑުތައް އަރައިގެން ދިޔައީވެސް އެހާމެ ހަލުވިކަމާއެކުގައެވެ. އެ އަޑުތައް އަކްޝޭގެ އަންހެނުން ޓްވިންކަލްގެ ކަންފަތަށް ފޯރުމުން އެންމެފުރަތަމަ ޓްވިންކަލް އެކަމަށް ސަމާލުކަމެއް ނުދިނެވެ. އެހެންނަމަވެސް، ކަންތައް ގޯސްވެގެން ދިޔައީ އަކްޝޭ އާއި ޕްރިޔަންކާ “ވަކްތު” ފިލްމުގައި މަސައްކަތްކުރަމުން ދިޔަ ދުވަސްވަރެވެ.

ރިޕޯޓުތައް ބުނާގޮތުން، އަކްޝޭއާ ގުޅުވައިގެން ޓްވިންކަލް އާއި ޕްރިޔަންކާއާ ދެމެދު ފޯނުން ވަރަށް ހޫނު ޒުވާބެއް ވަނީ ގޮސްފައެވެ. އަދި އެ ރުޅިގަނޑު މަތީގައި ޓްވިންކަލް ދިޔައީ ސީދާ “ވަކްތު” ގެ ސެޓަށެވެ. އެހެންނަމަވެސް ކަންދިމާކުރި ގޮތުން އެވަގުތު އެތާނގައި ޕްރިޔަންކާއެއް ނެތެވެ. އެ މަންޒަރު ދުށް ބައެއް މީހުން މީޑިއާތަކަށް ކިޔައިދީފައިވާ ގޮތުގައި، ޓްވިންކަލް ވަނީ އެތަނުގައި ބޮޑު ހާޖާނު ގަނޑެއް ހަދާލައިފައެވެ. އެގޮތުން އޭނާ އައިސްފައި ހުރި ރުޅިން، އެވަގުތު ޕްރިޔަންކާއާ ދިމާވިނަމަ ޕްރިޔަންކާގެ ކަންކަށިމަތީގައި އަޅުވައިލީސް ކަމަށް މަންޒަރުދުށް މީހުން ބުނެއެވެ.

އެދުވަހު “ވަކްތު” ގެ ސެޓުގައި ހުރިހާ ކްރޫ މެމްބަރުންގެ ކުރިމަތީގައި ޓްވިންކަލް އާއި އަކްޝޭ ދެމެދު ވަނީ ވަރަށް ބޮޑު އަރައިރުންވުމެއް ހިނގައިފައެވެ. އެންމެފަހުން އަކްޝޭއަށް ޖެހުނީ ގަދަކަމުން ޓްވިންކަލް އެތަނުން ގެންދާށެވެ.

އޭގެ އަނެއްދުވަހު އަކްޝޭ ވަނީ މީޑިއާތަކަށް ބަޔާނެއް ދީފައެވެ. އެއީ މީގެފަހުން ޕްރިޔަންކާ ޗޯޕްރާއާއެކީ މަސައްކަތް ނުކުރާނެ ކަމަށްބުނެ ދީފައިވާ ބަޔާނެކެވެ. “ވަކްތު” ވެގެންދިޔައީ އަކްޝޭއާއި ޕްރިޔަންކާ އެކުގައި ސްކްރީން ޓައިމް ހިއްސާކުރި ފަހު ފިލްމަށެވެ. އެކަމަކު ފަހުން އަކްޝޭ ވަނީ އެވާހަކަ އިންކާރުކޮށްފައެވެ. އޭނާ ބުނީ ޕްރިޔަންކާއާ އެކީ ރަނގަޅު ޕްރޮޖެކްޓެއް ލިބިއްޖެނަމަ މަސައްކަތް ނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!