ސާރާއާއެކީ ފޮޓޯތަކަށް އަރަން ސުޝާންތު ބޭނުންނުވި ސަބަބު

ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރަށް އެއް އަހަރު ފުރިފައިވާއިރު، ގިނަ ބަޔަކު ދަނީ އޭނާގެ ހަނދާން އާކުރަމުންނެވެ. އެގޮތުން މިފަހަރު، ޕަޕަރާޒީއަކު މިވަނީ ސުޝާންތުގެ ސިއްރެއް ހާމަކޮށްފައެވެ.

މަޝްހޫރު މީހުންގެ ފޮޓޯނަގާ ‘ވައިރަލް ބަޔާނީ’ ނޫހަކަށް ކިޔައިދިން ގޮތުގައި، އެހެން މަޝްހޫރު ތަރިންނާ ޚިލާފަށް ސުޝާންތަކީ އާންމު ތަންތާނގައި ފޮޓޯނަގަން ބޭނުންވި ތަރިއެއް ނޫން ކަމަށެވެ. އެގޮތުން މަގުމަތިން އޭނާ ފެނިގެން ޕަޕަރާޒީން ފޮޓޯނަގަންޏާ ހިތްހަމަނުޖެހިފައި ހުންނަކަން ފާހަގަކުރިއެވެ. އެހެންނަމަވެސް އެއްފަހަރަކު ސުޝާންތުގެ ރޫމްމޭޓް ސިދާތު ގުޕްތާގެ އުފަންދުވަސް ފާހަގަކުރަން ބޭއްވި ޕާޓީއަކަށް ފޮޓޯ ނަގަން އައުމަށް ވައިރަލް ބަޔާނީއަށް ސުޝާންތު ދައުވަތުދިން ކަމަށާއި، އެދުވަހު ޕަޕަރާޒީއަކަށް އެތާ ތެރޭގައި ހުރީ އޭނާ އެކަނި ކަމަށް ބުންޏެވެ.

އެއީ ސުޝާންތާއެކީ ކުޅުނު “ކޭދަރުނާތު” ފިލްމާއެކު ސާރާ އަލީ ޚާން ބޮލީވުޑަށް ތަޢާރަފްވެގެން އުޅުނު ދުވަސްވަރު ކަމަށް ބަޔާނީ ބުންޏެވެ. އަދި އޭރު ސުޝާންތާއި ސާރާ އުޅެނީ ރައްޓެހިވެގެން ކަމަށް އަޑުތައް އޮތީ ފެތުރިފައެވެ. ބަޔާނީ ބުނީ އެ ޕާޓީގައި ސާރާވެސް ހުރި ކަމަށާއި، އެކަމަކު ސާރާއާއި ސުޝާންތު އެކީގައި ތިއްބައި ފޮޓޯނަގަން އުޅުމުން ސުޝާންތު ރުޅިއައި ކަމަށް ބުންޏެވެ. އޭނާ ހުރީ އެދުވަހު ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައި ކަމަށާއި، ސާރާއާ ކޮންމެވެސް ޒުވާބެއްވެސް ކުރިތަން ފެނުނު ކަމަށް ބަޔާނީ ބުންޏެވެ.

“އެދެމީހުންގެ ފޮޓޯއެއް ނަގަން އުޅުނީމަ އަހަންނާ ދިމާއަށް ބުނީ މިތަނުން ދާށޭ”، ވައިރަލް ބަޔާނީ ކިޔައިދިނެވެ. އޭނާ ބުނީ، މީޑިއާތަކުން ސާރާއާއި ސުޝާންތު އަޅުވާ ކިޔައިގެން ވާހަކަދައްކާތީ ސުޝާންތު އެކަމަށް ހިތްވަރުދޭން ބޭނުންނުވީ ކަމަށް ބެލެވޭ ކަމަށެވެ.

ކޮންމެއަކަސް، ސުޝާންތާ ރައްޓެހިވި ކަމަކަށް ސާރާ އެއްބަހެއް ނުވެއެވެ. އޭނާ މިއަދާ ހަމައަށްވެސް ބުނަމުން އަންނަނީ އެދެމެދުގައި އޮތީ ގާތް އެކުވެރިކަން ކަމަށެވެ. ސުޝާންތުގެ މަރަށް އެއްއަހަރު ފުރުމުން ސާރާ ވަނީ އޭނާގެ ހަނދާނުގައި ހާއްސަ ޕޯސްޓެއް އިންސްޓަގްރާމަށް ދޫކޮށްލައިފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!