މިދިޔަމަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު ދެގުނައަށް އިތުރުވެއްޖެ

މިދިޔަމަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު ދެގުނައަށް އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީ 104 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި އަހަރުގެ މެއި މަހު ރާއްޖެއަށް 1.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، މި އަހަރުގެ މެއި މަހު އިމްޕޯޓްކޮށްފައި ވަނީ 3.2 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި ފާއިތުވި މެއި މަހު 117 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މެއި މަހު މިއަދަދު ވަނީ 238 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 104 އިންސައްތައިގެ އިތުރުވުމެކެވެ.

ހުސްވިމަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައި ވަނީ ކާބޯތަކެތީގެ ބާވަތްތަކެެެވެ. އެގޮތުން 610 މިލިއަން ރުފިޔާގެ ކާބޯތަކެތިވަނީ މިދިޔަ އޭޕްރީލްމަހު ރާއްޖެއަށް އެތެރެކޮށްފައެވެ. ދެން އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ތެލުގެ ބާވަތްތަކެވެ. އެގޮތުން 575 މިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައްވަނީ މެއިމަހު ރާއްޖެއަށް އެތެރެކޮށްފައެވެ. 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އެެތެރެކޮށްފައި ވަނީ މެޝިނަރީއާއި އެކި ބާވަތްތަކުގެ ކަރަންޓް ސާމާނެވެ. އެއީ 551 މިލިއަން ރުފިޔާއެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، އޮމާން އަދި ޔޫ.އޭ.އީއެވެ. އެގޮތުން އިންޑިއާއިން 449 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އޮމާންއިން 431 މިލިއަން ރުފިޔާގެ މުދާ އަދި ޔޫ.އޭ.އީން 377 މިލިއަން ރުފިޔާގެ މުދާ މިދިޔަމަހު ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.

ތަފާސް ހިސާބުތައް ދަައްކާގޮތުން ހުސްވިމަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އަދަދަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މިދިޔަ އަހަރުގެ މެއިމަހު ރާއްޖެއިން 174 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، މިއަހަރުގެ މެއިމަހު ރާއްޖެއިން ވަނީ 333 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މިއީ 91 އިންސައްތަ އިތުރު އަދަދެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!