އެންމެ ވޯޓެއްގެ ތަފާތުން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނެސް، އާ ބޮޑުވަޒީރު ހުވާކޮށްފި

އިސްރާއީލުގެ އިދިކޮޅު ޕާޓީތަކުން އެކުލަވާލާފައިވާ ސަރުކާރަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ރުހުން ދިނުމުން އެ ޤައުމުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ދިގު ވެރިކަން ނިމުމަކަށް އަތުވެއްޖެއެވެ.

ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގައި ބޭއްވި 4ވަނަ ޢާންމު އިންތިޚާބު ބާއްވާފައިވަނީ މާރިޗު މަހުގެ 22ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި ނަތަންޔާހޫގެ ލިކޫދު ޕާޓީގެ އިތުރުން އިދިކޮޅު ޕާޓީތަކަށްވެސް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ޢަދަދަށް ޤާނޫނުހަދާ މަޖިލީހުގެ ގޮނޑިތަކެއް ކާމިޔާބެއް ނުކުރެވުނެވެ. އެއާއެކު އިސްރާއީލުގެ ރައީސް ރުއެވެން ރިވުލިންވަނީ އިސްރާއީލުގެ އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ނަތަންޔާހޫއާ ޙަވާލުކުރައްވައިފައެވެ. ނަތަންޔާހޫއާ އެ މަސްޢޫލިއްޔަތު ޙާވާލުކުރައްވާފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ ދަޢުވާގެ އަޑުއެހުންތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ފުރިހަމަކުރުމަށް ނަތަންޔާހޫއަށް 28 ދުވަހުގެ މުއްދަތެއް ދިނެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް ސަރުކާރެއް އެކުލަވާލުމަށް ކަނާތު ފިޔައިގެ ސިޔާސީ ބައިވެރިންނާއެކު އެއްބަސްވުމަކާ ހަމައަށް އައުމަށް ނަތަންޔާހޫވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ. އެއާއެކު ރިވުލިންވަނީ ޔަޝް އަތީދު ޕާޓީއަށް ނިޞްބަތްވަޑައިގަންނަވައި އިސްރާއީލުގެ އިދިކޮޅު ސިޔާސީވެރިޔާ ޔައިލް ލަޕީދަށް ސަރުކާރެއް އެކުލަވާލުމުގެ މަސްޢޫލިއްޔަތު ޙަވާލުކުރައްވައިފައެވެ.

ޖޫން މަހުގެ 2ވަނަ ދުވަހުގެ ސުންގަޑި ހަމަވުމުގެ ކުޑަ އިރުކޮޅެއް ކުރިން ލަޕީދުވަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމުގެ އެއްބަސްވުމަކާ ހަމައަށް އައިސްފައިވާކަން ރިވުލިންނަށް އަންގަވާފައެވެ. އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމުގައި ލަޕީދަށް އެންމެ ބޮޑު ބާރެއް ލިބުނީ އިސްރާއީލުގެ ދިފާޢީ ވަޒީރުކަން ކުރިން ކުރައްވާފައިވާ ނަފުތާލީ ބެނެޓުގެ ޔަމީނާ ޕާޓީން އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމުކުރުމުގައި ބައިވެރިވުމަށް ނިންމުމުންނެވެ. ޔަޝް އަތީދު ޕާޓީއާއި ޔަމީނާ ޕާޓީން ވެފައިވާ އެއްބަސްވުމުގެ ދަށުން ބޮޑުވަޒީރުގެ މަޤާމާ ފުރަތަމަ 2 އަހަރު ޙަވާލުވެވަޑައިގަންނަވާނީ ބެނެޓެވެ. އެއަށްފަހު ދަޢުރު ނިމުމުގެ ކުރިން އޮންނަ ފަހު 2 އަހަރު ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާނީ ލަޕީދެވެ.

އިސްރާއީލުގައި އެކުލަވާލާފައިވާ އެއްބައިވަންތަކަމުގެ ސަރުކާރަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރުހުން ދިނުމަށް ވޯޓަށް އަހާފައިވަނީ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. އެ ވޯޓުގައި އިދިކޮޅު ޕާޓީތަކުން އެކުލަވާލާފައިވާ އެއްބައިވަންތަކަމުގެ ސަރުކާރަށް ލިބުނީ 60 ވޯޓެވެ. އައު ސަރުކާރާ ދެކޮޅަށް ދީފައިވަނީ 59 ވޯޓެވެ. އެއާއެކު 2009ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ ބޮޑުވަޒީރުކަން ކުރައްވަމުންދާ ނަތަންޔާހޫގެ ވެރިކަން ނިމުމަކަށްވަނީ އައިސްފައެވެ.

އިސްރާއީލުގެ އެއްބައިވަންތަކަމުގެ އައު ސަރުކާރު އެކުލެވިގެންވަނީ ތަފާތު 8 ޕާޓީއެއްގެ މައްޗަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!