އީޕީއޭގެ ހުއްދަ ނެތި ރުއްގަސް ނަގާނަމަ ފިޔަވަޅު އަޅަނީ

ހަމައެކަނި ރަށު ކައުންސިލްގެ ހުއްދައަށް ރިއާޔަތްކޮށް މީހުން ދިރިއުޅޭ ރަށްރަށުން ރުއްގަސް ނުނެގޭނެކަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.

އީޕީއޭ އިން އިއްްޔެ ނެރުނު ބަޔާނެއްގައި ބުނީ މީހުން އާބާދުވެފައިވާ ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގައި، ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދަން ގެންދިއުމަށް އެކިފަރާތްތަކުން އެ އެޖެންސީގައި އެދެމުން އަންނަ ކަމަށެވެ.

އީޕީއޭ އިން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ “ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށް ގެންދިއުމާއި ބެހޭ ގަވާއިދުގެ ދަށުން އެކަން ކުރެވޭނީ އީޕީއޭގެ ހުއްދަ ލިބިގެން ކަމަށެވެ.

އެހެން ނަމަވެސް ހަމައެކަނި ކައުންސިލުގެ ހުއްދައަކަށް ރިއާޔަތްކޮށް ގަވާއިދާ ހިލާފަށް ގިނަ ފަރާތްތަކުން ރުއްގަސް ނަގަމުން އަންނަކަމަށް އީޕީއޭ އިން ބުންޏެވެ. ރުއްގަސް ނެގޭނީ ކައުންސިލްގެ ހުއްދައިގެ އިތުރުން އެ އެޖެންސީގެ ހުއްދަ ލިބިގެންކަން ރިސޯޓް ތަރައްޤީކުރާ ފަރާތްތަކުންނާއި ކޮންޓްރެކްޓަރުން އަދި ކައުންސިލްތަކުން ޔަގީންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިގޮތުން މައިގަނޑު ހަތަރު ކަމަކަށް ބެލުމަށް އީޕީއޭ އިން ވަނީ އެދިއެވެ. އެ ކަންކަމަކީ:

– އެމަޝްރޫޢުއަކަށް ދޫކޮށްފައިވާ އީ.އައި.އޭ ޑިސިޝަން ސްޓޭޓްމަންޓް ނުވަތަ ރުއްގަސް ގަވާއިދުގެ ދަށުން ދެވިފައިވާ ހުއްދަ

– ދޫކުރެވިފައިވާ ހުއްދައިގެ ދަށުން ނެގުމަށް ހުއްދަ ދެވިފައިވާ ރުއްގަހުގެ އަދަދު.

– ރުއްގަސް ނެގުމަށް ހުއްދަ ދެވިފައިވާ ސަރަހައްދުގެ ބޮޑުމިން.

– ރުއްގަހާއި އެކު ރަށްރަށުން ކަޅު ފަސް ބޭރުނުކުރުން.

އީޕީއޭ އިން ވަނީ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް ރުއްގަސް ކަނޑައި ނުވަތަ ނަގައި އެއްރަށުން އަނެއް ރަށަށް އުފުލާ ފަރާތްތައް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ އެހީގައި ހުއްޓުވާ ފިޔަވަޅުއަޅާނެ ކަމަށް ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!