ބައިޑަންގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ވިލާތަށް!

ބޭރުޤައުމަކަށް ފުރަތަމަ ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.

މިއީ އެމެރިކާގެ ރައީސް ޖޯ ބައިޑަން މިއަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ބޭރު ޤައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަމުން މި ދަތުރުގެ ކަންކަން ބައިނަލްއަޤްވާމީ މީޑިއާތަކުން ދަނީ ވަރަށް ގާތުން ކަވަރުކުރަމުންނެވެ. ރައީސް ބައިޑަންއާއި އެމަނިކުފާނުގެ އަނބިކަނބަލުން ޖިލް ބައިޑަން އިނގިރޭސިވިލާތައް ވަޑައިގެންފައި މިވަނީ މިހަފުތާގައި އެ ޤައުމުގައި ބާއްވާ ޖީ7 ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އަދި އިނގިރޭސިވިލާތަކީ އެމަނިކުފާނު ޔޫރަޕުގެ ޤައުމުތަކަށް ކުރައްވާ 8 ދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ.

ބައިޑަން އިނގިރޭސިވިލާތައް ވަޑައިގެން އެންމެ ފުރަތަމަ ވަޑައިގަތީ ސަފޯލްކް އަސްކަރީ ބޭސްގައި ހުންނަ އެމެރިކާގެ 100 ވަނަ ރިފިއުލިންގް ވިންގް ކަމުގައިވާ އާރް.އެފް މައިލްޑެންހޯލްއަށެވެ. މިއީ މިވަގުތު ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން އެމެރިކާގެ މަތިންދާ ބޯޓުތަކަށް ތެޔޮ އެޅުމަށް ދާއިމީގޮތެއްގައި ޤާއިމުވުމުގެ ހުއްދަ ދީފައިވާ ހަމައެކަނި މަރުކަޒުކަމުގައިވާއިރު، މި މަރުކަޒަށް ވަޑައިގެން ބައިޑަންގެ ދެ ކަނބަލުން ވަނީ މި މަރުކަޒުގައި ދިރިއުޅެމުންދާ އެމެރިކާގެ އަސްކަރިއްޔާއާއި އެ މީހުންގެ އާއިލާތަކާ ބައްދަލުކޮށްފައެވެ.

ޖީ7 ސަމިޓަކީ ދުނިޔޭގެ އެންމެ މުއްސަނދި 7 ޑިމޮކްރަސީގެ ގޮތުގައި ގުނާ، އެމެރިކާ، އިނގިރޭސިވިލާތް، އިޓަލީވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ކެނެޑާ އަދި ޖަޕާންގެ ވެރިން ބައްދަލުވުމަށް ބާއްވާ ސަމިޓެކެވެ. މި ސަމިޓްކުރިއަށްދަނީ ޖޫން 11ން 13ށް ކަމުގައިވާއިރު، މި ސަމިޓަކީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއާ ގުޅުން ގޯސްވެފައިވާ ޤައުމުތަކާ ގުޅުން ބަދަހިކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މި ބައްދަލުވުމުގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންއާއި، އިނގިރޭސި ރާނީ އެލިޒަބަތު ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ބައިޑެން ރައީސްކަމުގެ މަޤާމާ ހަވާލުވެވަޑައިގަތްފަހުން އިނގިރޭސިވިލާތުގެ އެންމެ އިސް ދެވެރިންނާއި ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. އިނގިރޭސިވިލާތުގެ ސެއިންޓް އައިވްސް ކައިރީގައި އޮންނަ ކާބިސް ބޭގައި ބާއްވާ ސަމިޓުގައި ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމާއި، މޫސުމީ ބަދަލުތައް ކުޑަކުރަން މި ޤައުމުތަކުން ކުރާ މަސައްކަތް ހިއްސާކުރާނެކަމަށް މަޢުލޫމާތުލިބެއެވެ.

ޖީ7 ސަމިޓް ހުކުރު ދުވަހު ފެށުމުގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑަން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާދިއްތަ ދުވަހު ސަމިޓް ނިންމާލެއްވުމަށްފަހު ފުރާވަޑައިގަތުމުގެ ކުރިން ރައީސް ބައިޑަން އިނގިރޭސި ރާނީ އެލިޒަބަތު ދިރިއުޅުއްވާ ވިންޑްސަރ ކާސަލްއަށް ވަޑައިގެން ރާނީއާ ވެސް ރަސްމީކޮށް ބައްދަލުކުރައްވާނެއެވެ.

ޖީ7 ސަމިޓަށްފަހު ބައިޑަންގެ މި ދަތުރުފުޅުގެ ތެރެއިން ނޭޓޯ ސަމިޓާއި، އެމެރިކާއާއި ވިލާތުގެ އިއްތިހާދާއި ދެމެދު އެމަނިކުފާނުގެ ދައުރުގައި ބާއްވާ ފުރަތަމަ ޔޫއެސް-އީޔޫ ސަމިޓުގައި ބައިވެރިވެވަޑައިގެން މި ޖަމިއްޔާތަކުގެ މެމްބަރު ޤައުމުތަކުގެ ގުޅުން ބަދަހިކުރަން މަޝްވަރާކުރާނެއެވެ. އަދި މި ދެ ސަމިޓަށްފަހު ރައީސް ބައިޑަން ސްވިޓްޒަލޭންޑްގެ ޖެނީވާއަށް ވަޑައިގެން އެމެރިކާގެ އަސްކަރީ އެންމެ ބޮޑު ވާދަވެރި ޤައުމުކަމުގައިވާ ރަޝިއާގެ ރައީސް ވްލްޑްމިއަރ ޕުޓިންއާ ބައްދަލުކުރެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!