ފެލިވަރު ސްޓޯރޭޖުގެ މަސައްކަތް ފެށޭނީ އެ ރަށުގެ ބަނދަރުގެ މަސައްކަތް ނިމުމުން: މިފްކޯ

ފެލިވަރު ސްޓޯރޭޖް ބޮޑު ކުރުމުގެ މަސައްކަތް ފެށޭނީ އެ ރަށުގެ ބަނދަރުގެ މަސައްކަތް ނިމުމުން ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބުނެފި އެވެ.

ފެލިވަރުގެ އާ ބަނދަރާއި ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ އެޕްރީލް މަހު އެވެ.

މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ މިއަދު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މަސައްކަތުގެ ދުވެލި އަވަސް ކުރަން އުނދަގޫ ތަކެއް ހުރި ކަމަށެވެ.

މިފްކޯއިން ބުނާ ގޮތުގައި ފެލިވަރު ބަނދަރު ހަދާށާއި ބިން ހިއްކަން 116 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ އެވެ. އަދި މަސައްކަތް ނިންމަން އަހަރެއްހާ ދުވަސް ހޭދަވެދާނެ އެވެ.

މަސް ޕްރޮސެސް ކުރާ ކާރުހާނާ ހިންގާ ފެލިވަރުގެ ބިން ހިއްކުމާއި ބަނދަރާއި ޖެޓީ ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވާއިރު އެކަމަށް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުންނެވެ.

ފައުޒީ ވިދާޅުވީ ފެލިވަރުގެ ސްޓޯރޭޖުގެ ކެޕޭސިޓީ އިތުރު ކުރަން ބޭނުންވާ ފައިސާ ހޯދަން އިންޑިއާގެ އެގްޒިމް ބޭންކާއެކު މަޝްވަރާކޮށް އެކަމުގެ ލިޔުންތައް ނިންމުމުގެ މަސައްކަތް ކުރާ ކަމަށާއި އެ ރަށުގެ ބަނދަރުގެ މަސައްކަތް ނިމޭއިރު ސްޓޯރޭޖާއި ކޭނިން ފެކްޓަރީގެ މަސައްކަތްތައް ފަށަން ބީލަމުގެ މަރުހަލާ ނިންމާ ބަޔަކާ ހަވާލު ކުރެވޭވަރު ވާނެ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ މިފްކޯގެ ދަށުގައި އޮތް ކޫއްޑޫ އާއި ކަނޑުއޮތްގިރިން ބިން ހިއްކުމާއި ބަނދަރު ހެދުމާއި ސްޓޯރޭޖް އަދި ކޭނިން ފެކްޓަރީގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ސައުދީ ފަންޑުގެ އެހީގައި ފަށަން ވެސް މަސައްކަތް ކުރާ ކަމަށެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ ސްޓޯރޭޖްތަކާއި ކޭނިން ފެކްޓަރީތަކުގެ ޖާގަ ބޮޑު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!