ހައްޖަށް މީހުން ގެންދަން އަމިއްލަ ގުރޫޕް ތަކަށް މިއަހަރު ހުއްދަ ނުދޭން ނިންމައިފި

ވަގުތާއި ހާލަތަށް ބަލައި ރާއްޖެއިން މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް އަމިއްލަ ހައްޖު ގުރޫޕް ތަކަށް ފުރުސަތު ދެވެން ނެތް ކަމަށް އިސްލާމިކް މިިނިސްޓަރު ޑރ. އަހްމަދު ޒާހިރް އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމުގެ ވަގުތު ވަރަށް ބޮޑަށް ކުޑަތަންވެފައިވާތީ މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަން ޝައުގުވެރިވާ އަމިއްލަ ޖަމުއިއްޔާ ތަކަށް އެ ފުރުސަތު ދެވެން ނެތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން މިއަހަރު ހައްޖަށް ދެވޭނެ މީހުންގެ އަދަދު ނުވަތަ ކޯޓާ ސައުދީ ސަރުކާރުން ރަސްމީކޮށް އެންގުމުން މިހާރުގެ ހާލަތައް ބަލައި ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު މިއަހަރު ލިބޭނީ ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާވާ ކުންފުނި، ހައްޖު ކޯޕަރޭޝަނަށް ކަމަށެވެ.

ރާއްޖެއިން މީގެ ކުރިން ހައްޖަށް މީހުން ގެންދަން ހުއްދެ ދެނީ ހައްޖު ކޯޕަރޭޝަން ހިމެނޭ ގޮތުން ފަސް ކުންފުންޏަަކަށެވެ.

ޒާހިރު ވިދާޅުވީ ހައްޖަށް މީހުން ފޮނުވަން ޕްރޮޕޯސަލް ހުށަހަޅަން މިއަހަރު ހުޅުވާނުލަނީ ވެސް ސައުދީ ހައްޖު މިނިސްޓްރީން ރާއްޖެ އަށް ދޫކުރާ ކޯޓާގެ އަދަދު ރަސްމީކޮށް އަންގާފައި ނުވާތީ ކަމަށެވެ. ކޯޓާގެ އަދަދު ސާފު ކުރުމަށް ސައުދީގެ ހައްޖު މިނިސްޓްރީ އަށް ސިޓީއެއް ފޮނުވާފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

“އެ ސިޓީގައި ރާއްޖެ އަށް ކޯޓާ ލިބޭނެ އަދަދާއި ހައްޖުވެރިން އަމަލުކުރަން ޖެހޭ އުސޫލާއި މިންގަނޑުތައް ސާފުކޮށްދިނުމަށް އެދިފައި ވާނެ. ރަސްމީ ސިފައެއްގައި އަދި ޖަވާބެއް ނުލިބޭ،” މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައިވަނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންނަށެވެ. ނަމަވެސް ސައޫދީ ފިޔަވާ އެހެން ގައުމުތަކަށް މި އަހަރު ހައްޖުވުމުގެ ފުރުސަތު ދޭނެ ކަމަށް ކަމަށް ސައުދީ ސަރުކާރުން މީގެކުރިން އިއުލާންކޮށްފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!