އައްމަޓީގެ ހުރިހާ ތުހުމަތުތަކެއް އެޗްޑީސީއަށް

އެއްވެސް ރައްޔިތަކު ސީލައިފް ގްލޯބަލްއަށް ދިން ފައިސާއަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ބުނެފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ތާވަލުކޮށްފައި ވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއްގެ އިތުރުން ބަންދު މުރާޖައާ ކުރުމެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މާޗު 13، 2014 ގައި ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ޔުނިޓުތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު އެ ފައިސާ ނުދިން މައްސަލައިގައި އައްމަޓީގެ މައްޗަށް ދައުލަތުން ވަނީ ހިޔާނާތްތެރިވުމުގެ 42 ދައުވާއެއް އުފުލައިފަ އެވެ. މި ދައުވާތައް އޭނާ އާއި ދެކޮޅަށް ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ މަހުގެ30 ވަނަ ދުވަހު އެވެ.

އެ މައްސަލަތަކުގެ ފުރަތަމަ އަޑުއެހުން މިއަދު ބޭއްވި ނަމަވެސް، އައްމަޓީ ވަކީލަކާ ނުލައި ހާޒިރުވުމުން މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ.  އެކަމާއި ގުޅޭގޮތުން ގާޒީ ސުވާލު ކުރެއްވުމުން އަންމަޓީ ބުނެފައިވަނީ ވަކީލެއް ހަމަޖައްސާފައިވާ ކަމަށާއި އެކަމަކު މިއަދުގެ އަޑުއެހުމުގެ ތަފްސީލު ލިބިފައި ނުވާތީ ވަކީލު ހަމަޖެއްސިފައި ނުވާ ކަމަށެވެ.

ޝަރީއަތުގައި ވަކީލަކު ހަމަޖެއްސުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް އައްމަޓީ އެދުނު ނަމަވެސް ގާޒީ ދީފައިވަނީ ފަސް ދުވަހެވެ.

ޝަރީއަތުގައި އޭނާ ބުނީ ސީލައިފުން އަމަލުކޮށްފައި ވާނީ އެޗްޑީސީއާ އެކު ހެދި އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ. އަދި ދައްކަން ޖެހޭ ފައިސާ ނުދެއްކުނީ އެޗްޑީސީން އެއްބަސްވުމާ ހިލާފުވުމުން ކަމަށް ބުންޏެވެ.

އޭގެ އިތުރުން، ސީލައިފްއިން ފައިސާއަށް ހިޔާނާތްތެރިވެފައި ނުވާ ކަމަށް މައްސަލަ ބެލި ފުލުހުންގެ އައިއޯ މުއްދަތު މަޖިލީހެއްގައި ކޯޓުގައި ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

“އެޗްޑީސީން ތަކުރާރުކޮށް އެގްރިމެންޓާ ހިލާފުވެގެން ކޯޓުން ކުރިން ވަނީ ހުކުމް ވެސް ކޮށްފަ. ސީލައިފަކުން އެއްވެސް ފަރާތަކަށް ހިޔާނާތްތެރިވެފައެއް ނުވާނެ. އެފައިސާ ނުދެވެހުރީ އެޗްޑީސީން ހުއްދަ ނުދީގެން” އަންމަޓީ މިއަދު ބުންޏެވެ. މިއީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކުރިއަށް ގެންދާ ޝަރީއަތެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!