އުފަންވާތާ ހަފުތާއެއްތެރޭ ކުއްޖާ ރަޖިސްޓްރީ ނުކުރާނަމަ ޖޫރިމަނާއެއް

ރާއްޖޭގައި އުފަންވާ ކުދިން ރަޖިސްޓްރީކުރަން 7 ދުވަހުގެ ތެރޭގައި ހުށަނާޅައިފިނަމަ އެކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާ 10000 ރުފިޔާއިން ޖޫރިމަނާކުރެވޭގޮތަށް އުފަންވުން ރަޖިސްޓްރީކުރުމާގުޅޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ހުށަހަޅުއްވާފައިވާ މި ބިލަކީ އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާއިގުޅޭ އުސޫލުތައް ބަޔާންކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ޤާއިމްކުރުމުގެ ބިލެކެވެ.

މި ބިލުގައިވާގޮތުން ދިވެހިރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ 7 ދުވަހުގެ ތެރޭގައި އެކުއްޖެއްގެ އުފަންވުން ރަޖިސްޓްރީކުރުމަށްޓަކައި އެކުއްޖާ އުފަންވީ ރަށް ނުވަތަ ސިޓީއެއްގެ ކައުންސިލަށް ހުށައަޅަންވާނެއެވެ. އަދި އުފަންވުން ރަޖިސްޓްރީކުރަން އެމުއްދަތުގެ ތެރޭގައި މައިންބަފައިން ނުވަތަ ކުއްޖާގެ ބެލެނިވެރިޔާ ހުށަނާޅައިފިނަމަ އެފަރާތެއް 10000 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް ވަނީ ކަނޑައަޅާފައެވެ.

މިގެ އިތުރުން މިބިލުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ދިވެހިރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު ނުވަތަ ރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތަކަށް އުފަންވާ ކޮންމެ ކުއްޖަކު، އުފަންވާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެެރޭގައި އުފަންދުވަހުގެ ސެޓްފިކެޓް ހަދަން ހުށައަޅަންވާނެކަމަށް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ސިއްޙީ ޚިދުމަތްދޭ އިދާރާތަކާއި، ދައުލަތުގެ ކަމާގުޅޭ އެއްވެސް ޢިދާރާއެއްގެ މުވައްޒަފަކު ނަމަވެސް އެއްވެސް މީހެއްގެ ފޫޅުމާ ފޯމެއް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް އަދި އައިޑީކާޑު ނުވަތަ މަރު ސާބިތުކުރުމުގެ ލިޔުންފަދަ މުހިއްމު ލިޔެކިއުމެއް ޤަވާއިދާ ޚިލާފަށް ހަދައިދީފިނަމަ 15000 ރުފިޔާއާއި 25000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމަށްވެސް މިބިލުގައިވަނީ ހިމަނާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!