ކެޓްރީނާއާއި ވިކީ ރައްޓެހިވެގެން އުޅޭކަން ހަރްޝް ކަށަވަރުކޮށްދީފި

ބޮލީވުޑް ދެތަރިން ކަމަށްވާ ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ދެކެވޭ ވާހަކަތައް، ޒުވާން އެކްޓަރު ހަރްޝްވަރްދަން ކަޕޫރު ކަށަވަރުކޮށްދީފިއެވެ.

ޒޫމް ޓީވީއަށް ހަރްޝް ދިން އިންޓަވިއުއެއްގައި އޭނާއާ ކުރެވުނު ސުވާލަކީ، ފިލްމީ ދާއިރާގެ އެކްޓަރުން އެކަކު އަނެކަކާ ލޯބީގެ ގޮތުން އުޅޭކަމުގެ އަޑުތައް އަރާއިރު، އޭގެތެރެއިން ހަގީގީ ގުޅުމަކީ އަދި ސަމާލުކަން ހޯދަން ޖައްސާ ސްޓަންޓަކީ ކޮބައިތޯއެވެ. އެއަށް ޖަވާބުދެމުން އަނިލް ކަޕޫރުގެ ހަގު ދަރިފުޅު ބުނީ، ވިކީއާއި ކެޓްރީނާއޭ ކިޔައިގެން ދެކެވޭ ވާހަކައަކީ ހަގީގަތެއް ކަމަށެވެ. ހަމައެއާއެކު ހަރްޝް ވަނީ، އެހެން ބުނެގެން އަނެއްކާ މައްސަލައަކަށް ވެދާނެތޯ ސުވާލުކޮށްފައެވެ.

ކެޓްރީނާއާއި ވިކީ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ފެތުރެން ފަށާފައިވަނީ މިދިޔަ އަހަރުން ފެށިގެންނެވެ. އެކަމަކު މިހާތަނަށްވެސް އެދެމީހުންގެ ފަރާތުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެކަކު އަނެކަކާއެކީ އެއްތަނަކުން ފެނުން ވަނީ އާންމުވެފައެވެ.

ކެޓްރީނާއާއި ވިކީގެ ގުޅުން ހަރްޝް ކަށަވަރުކޮށްދިނުމުން، މީޑިއާތަކުގެ ސަމާލުކަން ވަނީ ލިބިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!