ބޮޑީ ވޯން ކެމެރާ މިއަހަރު ބޭނުންކުރަން ފެށޭތޯ ބަލަނީ

އަމާޒަކީ މި އަހަރުގެ ތެރޭގައި ފުލުހުން “ބޮޑީ ކެމެރާ” ބޭނުންކުރަން ފެށުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން އެހެން ވިދާޅުވީ މުޒާހަރާތަކާއި އެއްވުންތައް ރޫޅާލުމުގައި ދިވެހި ފުލުހުން ހަރަކާތްތެރިވާއިރު ބޮޑީ ކެމެރާ ބޭނުން ނުކުރަނީ ކީއްވެތޯ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހްމަދު ނަސީމް ސުވާލު ކުރެއްވުމުން، ލިޔުމުން ޖަވާބުދެއްވާ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައެވެ.

އެގޮތުން އިމްރާން އެސިޓީގައި ވަނީ ބޮޑީ ވޯން ކެމެރާ ބޭނުން ކުރުމަކީ ޕޮލިސީ ލެވެލްގައި އެކަން ކުރަން ނިންމާ، ކެމެރާތައް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މި އަހަރުގެ ބަޖެޓުގައި އެކަން ހިމަނާފައިވާ ކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ އެކަން މިދިޔަ އަހަރު ނުކުރެވުނީ ކޮވިޑާ ގުޅިގެން ބަޖެޓުން އެ ހަރަދު ނުކުރެވުމާ ގުޅިގެން ކަމަށެވެ.

އިމްރާން ވިދާޅުވީ 1400 ކެމެރާ ހޯދުމަށްޓަކާ ޕައިލެޓް ޕްރޮގްރާމެއް ހިންގާ ރިލަޔަބިލިޓީ އަށް ބަލާ، އެމެރިކާގެ އެކްސްއޯން މަރުކާގެ ކެމެރާ ސިންގަލް ސޯސްކޮށް ހޯދުމަށް ޓެންޑާ ބޯޑަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރަން ނުފެންނަ ކަމަށް ޓެންޑާ ބޯޑުން ނިންމާފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ބޮޑީ ވޯން ކެމެރާ ޕްރޮކިއޯކޮށް މި އަހަރުގެ ތެރޭގައި ކެމެރާތައް ބޭނުންކުރަން ފެށުމަކީ މިނިސްޓްރީ އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ވެސް ޓާގެޓެއް ކަމަށެވެ.

އަޖުމަ ބެލުމުގެ ގޮތުން ބޮޑީ ކެމަރާތަކެއް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭނުން ކުރި އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އޭރު ވިދާޅުވީ އެ ޓެކްނޮލޮޖީ ޓެސްޓްކޮށް ނަތީޖާއަށް ބެލުމަށްފަހު އެ ކެމެރާ ބޭނުން ކުރުން ފުޅާކުރާނެ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!