ކޮވިޑް ބަލީގައި ފަރުވާ ހޯދަމުންދިޔަ 77 އަހަރުގެ މީހަކު ނިޔާވެއްޖެ

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19އަށް ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 9:50 ހާއިރުކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

މިމީހާއާއެކު ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 190 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 173 ދިވެހިންނާއި 17 ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ ތެރެއިން މިހާތަނަށް އެންމެ ޢުމުރުން ދުވަސްވީ މީހަކަށް ނިޔާވީ 100 އަހަރުގެ މީހެކެވެ. އަދި އެންމެ ހަގު ޢުމުރުގެ ކުއްޖަކަށް ނިޔާވެފައިވަނީ 10 އަހަރުގެ ކުއްޖެކެވެ. އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި ވަގުތު ކޯވިޑަށް ފަރުވާ ހޯދަމުން އަންނަ 17000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލުގައި 150 އަށްވުރެ ގިނަ މީހުން އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން ރާއްޖޭގެ ޙާލަތު އެންމެ ބޮޑަށް ގޯސްވެގެންދިޔައީ ނިމުނު މެއިމަހުގެ ތެރޭގައެވެ. އެގޮތުން މިދިޔަ މެއިމަހު އެކަނިވެސް 34561 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 88 މީހުން މި ބަލީގައި ވަނީ ނިޔާވެފައެވެ. އަދި މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެޅި އިތުރު ފިޔަވަޅުތަކާއެކު، ޕޮޒިޓިވްވާ މީހުންގެ ޢަދަދު ކޮންމެވެސްވަރަކަށް މިހާރު ދަށްވަމުންދާކަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާ، މެއިމަހުގެ 26 ވަނަ ދުވަހު އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދަންމާލުމަށް ސަރުކާރުން މިހާރު ވަނީ ނިންމަވާފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!