ނަފުރަތުގެ ބިލު އެއީ ވަކިބަޔަކަށް އަމާޒުކުރި ބިލެއް ނޫން: ރައީސް

ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބިލަކީ ވަކި ބަޔަކަށް އަމާޒުކޮށްފައި އޮތް ބިލެއް ނޫން ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ސަރުކާރުން ބިލް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކަށްވީ މީހުންގެ ތެރޭގައި ނަފުރަތު އުފެދި މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންވާ ހިސާބަށް ދިޔަ ނުދޭން އޮތް ހުރިހާ ކަަމެއްކުރުން ކަމަށެވެ. އަދި މިއީ އެއްވެސް ފަރާތަކުން ފާޅުކުރާ ޚިޔާލަށް ހުރަސް އެޅުމެއް ނޫން ކަމުގައެެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި މި ބިލާމެދު އާންމުންގެ މެދުގައި ހިޔާލުތަފާތުވުން ތަކެއް ވަނީ އުފެދިފައެވެ. އަދި ބިލަކީ ވަކި ބަޔަކަށް އަމާޒުކޮށް ހުށަހެޅި ބިލެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ރައީސް ވިދާޅުވީ، މަޖިލީހުން ބަހުސްކޮށް ކޮމިޓީން ދިރާސާކުރާއިރު ރައްޔިތުންގެ ޚިޔާލަށް ރިއާޔަތްކޮށް، ގެންނަން ޖެހޭ ބަދަލު ގެންނަވާނެ ކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ އެއްވެސް ފަރާތަކުން ފާޅުކުރާ ޚިިޔާލަށް ހުރަސް އެޅުން ނޫން ކަމަށާއި، އެހެންނަމަވެސް ފާޅުކުރާ ޚިޔާލަކުން ބައެއްގެ ތެރޭގައި ނަފްރަތު އުފެދި ފިތުނައަކަށް ބަދަލުވެ، ބައެއްގެ ފުރާނައަށް ގެއްލުންވާ ހިސާބަަށް ދާތީ އެކަންކަން ހުޓުވުމަށް ކުރި ކަމެއް ކަމަށެެވެ.

ގާނޫނުލް އުގޫބާތަށް ހިސާން ހުށަހެޅުއްވި އިސްލާހުގެ މަޤްސަދަކީ، ދީނީ އެއްބައިވަންތަކަން އިތުރަށް ދަމަހައްޓައި، މީހުންނާމެދު ނަފުރަތު އުފެދޭނެ ވާހަކަތައް ހުއްޓުވުމެވެ. އިސްލާހުގައި ވަނީ އާންމު ތަނެއްގައި މީހަކު އިސްލާމްދީނާ ޚިލާފު ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމާއި، މީހަކާމެދު ނަފްރަތު އުފެއްދުމާއި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުން އެއީ ކުށެއް ކަމަށެވެ.

އަނިޔާވެރިކަމަށް ގޮވާލައި އެކަމަށް ހިތްވަރު ދިނުމާއި، ބައިވެރިވުމަކީ ވެސް ކުށެއް ކަމަށާއި، މީހެއްގެ ސިޔާސީ ފިކުރަކަށް ބަލައި ޖިސްމާނީ އަނިޔާއެއް ދިނުމާ، ބައިވެރިވުމާ، ރޭވުމަކީވެސް ކުށެއް ކަމަށް އިސްލާހުގައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!