މަޖިލީހުގެ ރައީސަށް ޚާއްސަ ގެއެއް ދައުލަތުން ހަމަޖެއްސުމާބެހޭ ބިލްގެ ބަހުސް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށްޓަކައި ޚާއްސަކުރެވޭ ވަކި ގެއެއް ދައުލަތުން ހަމަޖައްސައި ދިނުމަށާއި، މަޖިލީހުގެ ރައީސަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ ކަމަށް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލްގެ ބަހުސް ފަށައިފިއެވެ.

މި ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ. މެންބަރު ވިދާޅުވީ މި އިސްލާހަކީ މަޖިލީހުގެ ރައީސްގެ ސަލާމަތާއި ރައްކާތެރި ކަމަށް މުހިއްމު އިސްލާހެއް ކަމަށެވެ. އަދި މި ބިލަށް މި އިސްލާހު ހުށަހެޅުމުގެ ބޭނުން ވެސް މެންބަރު ކިޔައިދެއްވިއެވެ.

އިސްލާހުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާގެ ފަހަތަށް އިތުރު ދެ މާއްދާއެއް އިތުރުކުރުމަށެވެ.

އިތުރު ކުރެވިފައިވާ މާއްދާގައި ބުނަނީ މަޖިލީހުގެ ރައީސާއި އޭނާގެ އާއިލާ ދިރިއުޅުއްވާނެ ރަސްމީ ގެއަކާއި، އެގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި، އެގެއަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަމަޖަައްސައިދޭންވާނެ ކަމަށެވެ. އަދި ރަސްމީ ގެއަކީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެއެއް ކަމުގައިވާންވާނެ ކަމަށެވެ.

ރަސްމީ ގެއަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސަންވާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަމަށް ވެސް މިހާރު ހުށަހަޅާފައިވާ ބިލްގައި ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!