އިޤްތިޞާދަށް ލިބުނު ގެއްލުމުން އަރައިގަތުމަށް 1.7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި

ކޯވިޑް19އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ލިބެމުންދާ ގެއްލުންތައް ފޫބައްދަން މިހާތަނަށް ސަރުކާރުން 1.7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދައެއް ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ “ވީކްލީ ކޯވިޑް19 ރިޕޯޓް” އިން ދައްކާގޮތުން ކޯވިޑް ފެތުރެން ފެށިފަހުން މިހާތަނަށް ސަރުކާރުން “އިކޮނޮމިކް ރެސްޕޯންސް ސްޕެންޑިން” ނުވަތަ އިޤްތިޞާދަށް ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

މިމަހުގެ 3 ވަނަ ދުވަހާއި ހަމައަށް އިކޮނޮމިކް ރެސްޕޯންސް ސްޕެންޑިން އަށް ސަރުކާރުން 1.7 ބިލިއަނަށްވުރެ ބޮޑު ހޭދައެއް ކޮށްފައިވާއިރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކޯވިޑް19 ރިކަވަރީ ލޯނު ސްކީމަކެވެ. އެއީ 1.2 ބިލިއަން ރުފިޔާއެވެ. ރިކަވަރީ ލޯނު ބީއެމްއެލް އަދި އެސްޑީއެފްސީ މެދުވެރިކޮށްވެސް ވަނީ ދޫކޮށްފައެވެ.

ބީއެމްއެލް މެދުވެރިކޮށް 419 މީހަކަށް 585.9 މިލިއަން ރުފިޔާއާއި 8 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. އަދި އެސްޑީއެފްސީ މެދުވެރިކޮށް 2117 މީހަކަށް 362.3 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އިކޮނޮމިކް ރެސްޕޯންސް ސްޕެންޑިންއިން ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އާމްދަނީއަށް އަސަރުކުރި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކުރުމަށެވެ. އެގޮތުން 22945 މީހަކަށް 421 މިލިއަން ރުފިޔާ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ވަނީ ދޫކޮށްފައެވެ.

މީގެއިތުރުން ފެން ބިލާއި ކަރަންޓު ބިލުން ދީފައިވާ ޑިސްކައުންޓްވެސް ހިމެނެއެވެ. މިމަހުގެ 3 ވަނަ ދުވަހާއި ހަމައަށް ފެންބިލުން 110966 ގޭބީސީއަކަށް 25.9 މިލިއަން ރުފިޔާގެ ޑިސްކައުންޓް ވަނީ ދީފައެވެ. އަދި ކަރަންޓު ބިލުން 276203 ގޭބީސީއަކަށް 146.8 މިލިއަން ރުފިޔާ ޑިސްކައުންޓްގެ ގޮތުގައި ދީފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!