ދިޕިކާ އިންނަން އެހުމުން ސަލްމާން ދިން ޖަވާބު

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ކައިވެންޏެއް ނުކޮށް ހުސްހަށިބަޔަށް ހުންނާތީ އެވާހަކަ ވަރަށް ގިނައިން ފޭނުންގެ މެދުގައާއި މީޑިއާތަކުގައި ދެކެވެއެވެ. ލޯބީގެ ގޮތުން ގިނަ ކުދިންތަކަކާ ގުޅިފައި ވިޔަސް، ކައިވެންޏަކާ ހަމައަށް ސަލްމާން ގޮސްފައެއް ނުވެއެވެ. އަނެއްކޮޅުން އޭނާގެ އުމުރުގައި ކައިވެންޏެއް ނުކޮށް ހުރި ބޮލީވުޑް ފަންނާނަކު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަމަކު ސަލްމާން އަބަދުވެސް ބުނަމުން އަންނަނީ، ކައިވެންޏެއްކޮށް އާއިލާއެއް ބިނާކުރުމުގެ ވިސްނުމެއް އޭނާ ނުގެންގުޅޭ ކަމަށެވެ.

ސަލްމާން ހޯސްޓުކޮށްދޭ “ބިގް ބޮސް” ޝޯގައި 2015 ވަނަ އަހަރު މެހުމާނެއްގެ ގޮތުގައި ބައިވެރިވެ މަޝްހޫރު ބަތަލާ ދިޕިކާ ޕަޑުކޯން ވަނީ ސަލްމާން ކައިރިން އިންނަން އަހައިފައެވެ. ދެކަކޫ މައްޗަށް ތިރިވެ ފިނިފެންމަލެއް ދިއްކުރަމުން ދިޕިކާ ބުނީ އޭނާ ސަލްމާނާ އިންނަން ބޭނުން ކަމަށާއި އެކަން ވާނެތޯ އެވެ. އެއީ ސަމާސާއަކަށް ކުރި ކަމަކަށް ވިޔަސް ސަލްމާން ޖަވާބު އައީ ހަމަ ކުރިއެކޭ ވެސް އެއްގޮތަށެވެ. އެގޮތުން ހެމުންހެމުން ސަލްމާން ބުނީ ކޮންމެ މީހަކު އިންނަން އެހި ކަމުގައި ވިޔަސް އާނބަސް ނުބުނާނެ ކަމަށެވެ.

ކޮންމެއަކަސް އޭގެ 3 އަހަރު ފަހުން ދިޕިކާ ވަނީ އެކްޓަރު ރަންވީރު ކަޕޫރާ ކައިވެނިކޮށްފައެވެ. ސަލްމާން ހުރީ އަދިވެސް ހުސްކޮށެވެ. އެކަމަކު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ރޯމޭނިއާއަށް ނިސްބަތްވާ މޮޑެލް/އެކްޓްރެސް އޫލިއާ ވަންތޫރާއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!