ސާރާއާއެކީ މެރުވާނާ ބޭނުންކުރިން: ރިއާ

މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ބޮލީވުޑް އެކްޓްރެސް ރިއާ ޗަކްރަބަތީ، ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ދިން ބަޔާނުގެ ބައެއް މީޑިއާތަކަށް ލީކުވެއްޖެއެވެ.

ރިއާ އާއި އޭނާގެ ކޮއްކޮ ޝޮވިކް ޗަކްރަބަތީ މިދިޔަ އޮގަސްޓުމަހު ހައްޔަރުކުރީ، މަސްތުވާތަކެތި ގަނެ އޭގެ ބޭނުންކުރި ކަމުގެ ތުހުމަތުގައެވެ. އެ މައްސަލަ އެންސީބީގެ ސަމާލުކަމަށް އައީ މިދިޔަ އަހަރު ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގުގެ ތެރެއިންނެވެ. މަސްތުވާކެތީގެ މައްސަލައާ ގުޅިގެން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ އެންސީބީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އޭގެތެރޭގައި ސުޝާންތާއެކު “ކޭދަރުނާތު” ގައި މަސައްކަތްކުރި ސާރާ އަލީ ޚާނާއި، “ޗިޗޯރޭ” ގެ ބަތަލާ ޝްރަދާ ކަޕޫރުވެސް ހިމެނެއެވެ. އެހެންނަމަވެސް އެމީހުން ވަނީ ފަހުން އެ މައްސަލައިން ސަލާމަތްވެފައެވެ. ރިއާ ވެސް ވަނީ ކަފާލާތުގެ ދަށުން މިނިވަންވެފައެވެ.

ކޮންމެއަކަސް، ރިއާ މިދިޔަ އަހަރު ދިން ބަޔާނުގެ ބައިތަކެއް ޒީ ނިއުސް އަށް ލިބިފައިވާއިރު، އެ މީޑިއާ އިން ވަނީ އޭގައި ހުރި މުހިންމު ނުކުތާތައް އާންމުކޮށްފައެވެ. އެގޮތުން 2017 ވަނަ އަހަރު ސާރާ އަލީ ޚާން، މެރުވާނާ އާއި ވޮޑްކާ ބޯން ހިނގާށޭ ކިޔާފައި ޚިޔާލު ދިން ކަމަށް ރިއާ ވަނީ ބުނެފައެވެ. އެއީ އެދުވަސްވަރު ރިއާ ކޮންމެވެސް ކަމަކާ ދެރަވެގެން އުޅޭތީ މޫޑު ރަނގަޅު ކުރުމަށް ސާރާ ދިން ޚިޔާލެއް ކަމަށް ވަނީ ބުނެފައެވެ. ހަމައެހެންމެ އައިސްކްރީމާއެކު މެރުވާނާ ބޯން ސާރާ ޚިޔާލުދިން ކަމަށް ރިއާ ބުނެއެވެ.

އެކަމަކު އެއީ ހަމައެކަނި ވަޓްސްއެޕްގައި ކުރިއަށްދިޔަ މަޝްވަރާއެއް ކަމަށާއި، އެއަށް އަމަލު ކޮށްފައި ނުވާނެ ކަމަށް ރިއާ ވަނީ އެ ބަޔާނުގައި ބުނެފައެވެ. އެހެންނަމަވެސް އެ ބަޔާނުގެ ދެވަނަ ބައިގައި ރިއާ ވަނީ ސާރާއާއެކީ މެރުވާނާ ބޭނުންކުރި ކަމަށް އެއްބަސްވެފައެވެ. އެގޮތުން ރިއާ އެއަށް ދިން ނަމަކީ “ޑޫބީ” އެވެ. ޑޫބީ އަކީ މެރުވާނާ އަޅައި އޮޅާފައި ހުންނަ ބިޑިއަކަށް ކިޔައި އުޅޭ ނަމެކެވެ.

ރިއާ ބުނީ ސާރާ އޭރު ޑޫބީ ބޮއެ އުޅޭ ކަމަށާއި، ބައެއް ފަހަރު ރިއާ ވެސް އޭނާއާ އެއްބައިވެގެން އެކަން ކުރާ ކަމަށެވެ. އަދި ރިއާއަށް ޑޫބީ ފޯރުކޮށްދެނީ ސާރާ ކަމަށް ވަނީ ބުނެފައެވެ.

ރިއާގެ ބަޔާން ލީކުވެފައި ވިޔަސް، މިކަމާ ގުޅިގެން އޭނާ ވާހަކަދައްކައިފައެއް ނުވެއެވެ. އަދި ސާރާވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މިދިޔަ އަހަރު ބޮލީވުޑާ ގުޅުންހުރި މަސްތުވާތަކެތީގެ މި މައްސަލަ ފެންމަތިވުމުން އެންސީބީއަށް ހާޒިރުކޮށްގެން ސުވާލުކުރި ތަރިންގެ ތެރޭގައި ދިޕިކާ ޕަޑުކޯން ވެސް ހިމެނެއެވެ. ނަމަވެސް އެ މައްސަލަ މިހާރު އޮތީ ކިހާ ހިސާބެއްގައި ކަމެއް ނޭނގެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!