ކޮވިޝީލްޑް ފުރަތަމަ ޑޯޒަށް 6 މަސް ނުވާނަމަ 2 ވަނަ ޑޯޒް ޖެހޭނެ ކަމަށް އެޗްޕީއޭއިން ނިންމައިފި

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ގެނެސް ބޭނުންކޮށްފައިވަނީ އެސްޓްރަޒެނެކާގެ ފޯމިއުލާއަށް އިންޑިއާއިން ތައްޔާރުކޮށްފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. އެކަމަކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށް ދެވަނަ ޑޯޒު ހަމަ ނުވަނީސް ވެކްސިން ވަނީ ހުސްވެފައެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ އެކި ހިސާބުތަކުގައި މި ވެކްސިން ބޭނުންކުރަމުން އަންނައިރު ވެކްސިން ލިބުން ދަތިވެފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާއިން ދިރާސާތައް ހަދައި ލަފާ ނެރެފައިވާ ކަމަށެވެ. އެ ލަފާގައިވާގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާތާ ހަ މަސް ދުވަހުގެ ތެރޭގައި ދެވަނަ ޑޯޒު ޖެހެއެވެ. އެހެންކަމުން ރާއްޖޭގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ވެސް ވަނީ ހަމަސް ތެރޭގައި ކޮވިޝީލް ވެކްސިން ޖެހޭ ގޮތަށް ކަނޑައަޅާފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޝީލްޑް ވެކްސިން އެންމެ ފުރަތަމަ ރާއްޖޭގައި ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުއެވެ. އޭރު ކަނޑައަޅާފައިވާގޮތުން ދެވަނަ ޑޯޒު ޖަހަން ޖެހެނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާތާ 4 ހަފުތާ އާއި 8 ހަފުތާއާ ދެމެދުގައެވެ. ރާއްޖޭގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒު މާޗް މަހުޖަހަން ފެށިއެވެ. އެހެންނަމަވެސް މެއި މަސްތެރޭގައި ވެކްސިން ހުސްވާން ގާތްވެފައިވާތީ، ދެވަނަ ޑޯޒު ދިނުން ހުއްޓާލައި ވަކި އުސޫލެއްގެ ތެރެއިން ނޫނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ނުޖަހާ ގޮތަށް ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް އަދިވެސް ދެވަނަ ޑޯޒު ޖަހަން ޖެހޭ، އެހެންނަމަވެސް ދެވަނަ ޑޯޒު ނުޖަހާ ލައްކައެއްހާ މީހުން އެބަތިއްބެވެ.

ރާއްޖެއަށް އިންޑިއާއިން ކޮވިޝީލްޑް ވެކްސިން ހަދިޔާކުރި އިރު އެ ގައުމުން އެންމެ ފުރަތަމަ ވެކްސިން ހަދިޔާކުރި ގައުމަކީ ވެސް ރާއްޖެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!