ހަރުކަށި ފިޔަވަޅާއެކު ކާފިއު އިތުރު ހަފްތާއަކަށް

ކޯވިޑް-19އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ކުރިއަށްގެންދަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މިދިޔަ މެއި މަހަކީ ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އެންމެ ނުރަކާ ދަރަޖައަކަށްދިޔަ މަސްކަމަށެވެ. ނަމަވެސް އެއާއެކު މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަޑުމަޑުން ދަށްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ހުރި ފިޔަވަޅުތަކާއެކު އާއްމު ހާލަތަކަށް ދެވޭނީ ޕޮޒިޓިވްވާ ކޭސްތަކުގެ ޢަދަދު އަދިވެސް މަދުކުރެވިގެންކަމަށެވެ.

“މިހާރު އަޅާފައިވާ ފިޔަވަޅުތައް އަދި 1 ހަފްތާއަށް ކުރިއަށްގެންދއުމަށްފަހު ހާލަތު ރަނގަޅުވާނަމަ ފިޔަވަޅުތަކަށް ލުއިދެވޭނެ. ނޫންނަމަ އަނެއްކާވެސް އިތުރު ހަފްތާއަކަށް އަޅުގަނޑުމެން ބަލާނަން” ރައީސް ވިދާޅުވިއެވެ.

މީގެ ދެ ހަފްތާ ކުރީން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ދަނީ ކާފިއު ހިންގަމުންނެވެ. އަދި ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ހުއްދަ ނެތި ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އެ ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުން ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ ދޫކޮށްފައިވަނީވެސް ކޮންމެ ގޭބީސީއަކަށް ދެ މީހަކަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!