ފްލައިން ސްކޫލުގެ 15 ދަރިވަރެއްގެ ލޯނު ހަޔާ އެޑިޔުކޭޝަންގެ ދަށަށް ބަދަލުކޮށްފި

އައްޑޫ ފްލައިންގް ސްކޫލްގައި ކިިޔަވާ ދަރިވަރުންގެ ތެރެއިން ބީއެމްއެލްއިން ކިޔަވާ ލޯނު ނަގާފައިވާ 15 ދަރިވަރުންގެ ލޯނު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށަށް ބަދަލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްގެ ނިންމެވުމާއި އެއްގޮތަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއަށް މި ދަރިވަރުންގެ ލޯނު ބަދަލުވުމުން އެއްވެސް އިންޓްރެސްޓް އެ ދަރިވަރުން ދައްކާކަށް ނުޖެހޭނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ނިންމުމުގެ ސަބަބުން ދަރިވަރުން މިނިސްޓްރީއަށް ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭނީ ތަމްރީނު ފުރިހަމަކޮށް ނިމޭތާ 6 މަސްފަހުންނެވެ.

މީގެ ކުރިންވެސް މިނިސްޓްރީގެ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން މިވަގުތު އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގައި ކިޔަވާ 96 ދަރިވަރުންގެވެސް ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ކޯސް ނިންމޭ ތާރީޚަކުން ފެށިގެން 6 މަސް ދުވަހަށް ވަނީ ބަދަލުކޮށްދީފައެވެ.

އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގައި ކިޔަވަމުންދާ ދަރިވަރުންނަށް ހައްލުތަކެއް ހޯދައި ދިނުމުގެ މަސައްކަތުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސްގެ ކިޔަވާ ލޯނު ނަގާފައިވާ އިތުރު ދަރިވަރުންތަކެއްގެ ލޯނުވެސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންކަމަށް އެމިނިސްޓްރީން ހާމަކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!