މިޝްކާގެ މައްސަލައަށް ޖަވާބުދާރީވާން ވަގުތު ދީފި

ކޮވިޑް ޖެހި ފަރުވާ ދިނުން ލަސްވެގެން މިދިޔަ އަންގާރަ ދުވަހުގެ ރޭ ފާތިމަތު މިޝްކާ މަރުވި މައްސަލައިގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މަޖިލީހަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ހަފްތާއެއް ދީފި އެވެ.

އުމުރުން 10 އަހަރުގެ މިޝްކާ މަރުވި މައްސަލައިގައި ނަސީމާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ބޭފުޅުން މިއަދު ވަނީ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ، ފުރިހަމަ ތަހުގީގަށް ފަހު ނެރޭ ރިޕޯޓް ތަފްސީލް ވާނެ ކަމަށާއި، ތަހުގީގު އަދި އެއްކޮށް ނުނިމޭ ކަމަަށެވެ. އަދި މިހާރުވެސް ބައެއް ފިޔަވަޅުތައް އަޅާފައިވާނެ ކަމަށެވެ. އަދި މި ކޭސްގައި ފެނިގެން މިދިޔައީ ދޮޅު އަހަރުގެ ތެރޭގައި މިފަދަ ހާދިސާއެއް ހިނގާފައި ނުވާތީ ސަމާލުކަން ނުދެވި ހުރި ކަންކަން ކަމަށެވެ.

އެފަދަ ހާދިސާއެއް ދެން ހިނގިޔަ ނުދިނުމަށް ފިޔަވަޅުތަކެއް މިހާރުވެސް އަޅާފައިވާ ކަމަށާއި އެކަމާ ބެހޭގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅު އަދިވެސް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފުރިހަމަ ތަހުގީގެއް ނިންމުމަށްފަހު ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އެ މަސައްކަތަށް ހަފުތާއެއް ދެއްވުމަށްވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

އެހެންކަމުން ހަފުތާއެއްހާ ދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު އެ މައުލޫމާތުތައް ކޮމިޓީއާ ހިއްސާކުރުމުގެ ފުރުސަތު ދެއްވުމަށް ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ކިބައިން މިނިސްޓަރު ނަސީމު އެދިވަޑައިގެންނެވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!